ޚަބަރު

ހޮކައިޑޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 44 އަށް


ހުސްވި ހަފުތާގައި ޖަޕާނުގެ އުތުރުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 44 އަށް އަރައިފިއެވެ.

ޖަޕާނުގެ ސަރުކާރުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުގެ ހޮކައިޑޯ ޖަޒީރާ ރަށަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހަ ސަތޭކަ ފަސްދޮޅަސް މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށެވެ. ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ރިކްޓަރ މިންގަނޑުން ހައެއް ޕޮއިންޓް ހަތެއްގެ ބާރުމިނުގައި އައި މި ބިންލެހުމުގެ ސަބަބުން އެ ރަށުގެ ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތައް ހިނގައި، މީހުންގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ.

އެހެންކަމުން އެ ރަށުގެ ދެ ހާސް ފަސްސަތޭކަ މީހުން މިހާރުވެސް ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައި ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކާއި ސާމާނު ސާފުކުރުމުގެ މަސައްކަތްތަކުގައި ސާޅިސް ހާސް މީހުންގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް ޖަޕާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ބިންހެލުމުގެ ސަބަބުން ޖަޕާނުގެ ހޮކައިޑޯއިން މެދު ކެނޑުނު ކަރަންޓުގެ ޚިދުމަތް މިހާރު ވަނީ އަލުން ފޯރުކޮށްދޭން ފަށާފައެވެ.