ޚަބަރު

އޮޅުވާލައިގެން ރާއްޖެއައި އީޔޫ ޕާލިމެންޓް މެމްބަރުން ސަސްޕެންޑްކޮށްފި


ޔޫރަޕިއަން ޔޫނިއަން ޕާލިމެންޓްގެ ރަސްމީ ދަތުރެއްގައިކަމަށްބުނެ އޮޅުވާލައިގެން ރާއްޖެއައި އީޔޫ ޕާލިމެންޓްގެ ބައެއް މެމްބަރުން އީޔޫގެ ޚާރިޖީ ބައްދަލުވުންތަކުން އެކަހެރިކޮށްފިއެވެ.

ޔޫރަޕްގެ ސިޔާސީ ޚަބަރުތައް ޝާއިޢުކުރާ ނޫހެއްކަމަށްވާ ޕޮލިޓިކޯއަށް މައުލޫމާތު ދެއްވަމުން އީޔޫ ޕާލިމެންޓްގެ އިސް މެމްބަރު ޑޭވިޑް މެކްއެލިސްޓަރ ވިދާޅުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއައިސް އިދިކޮޅު ފަރާތްތަކާ ބައްދަލުކުރި ވަފްދަކީ އީޔޫގެ ޕާލިމެންޓްގެ ފަރާތުން ވާހަކަދެއްކުމުގެ ބާރު އޮތް ބައެއް ނޫންކަމަށެވެ. އަދި އޭގެތެރެއިން ބައެއް މެމްބަރުން ކުރިންވެސް ބައެއް ޤައުމުތަކަށްގޮސް މިފަދަ ޢަމަލުތަކެއް ހިންގާފައިވާތީ، ޔޫރަޕްގެ އިއްތިހާދުގެ ރަސްމީ ބައްދަލުވުންތަކުން އެކަހެރިކޮށް، އެއިއްތިހާދުގެ ފަރާތުން އިންތިޚާބުތައް އޮބްޒާރވްކުރުމާއި، ޔޫރަޕްގެ އިއްތިހާދުގެ ރަސްމީ މިޝަންތަކުން ސަސްޕެންޑްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓްގެ މެމްބަރުންތަކެއް، އަމިއްލަ ދަތުރެއްގައި ރާއްޖެއައިސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް، ދިވެހި ދައުލަތުގެ އިސްވެރިންތަކަކާމެދު ފިޔަވަޅުއަޅަންއުޅޭކަމަށްބުނެ އަޑުފަތުރާފައިވެއެވެ.

މިކަމާ ގުޅިގެން ދިވެހިރާއްޖެއިން ޔޫރަޕްގެ އިއްތިހާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސިޢާންވަނީ ޔޫރަޕްގެ އިއްތިހާދުގެ ޕާލިމެންގެ ރައީސް އެންތޯނިއޯ ތަޖާނީއަށް ޝަކުވާ ހުށަހަޅުއްވާފައެވެ. ސަފީރު ޝިއާން ޔޫރަޕްގެ އިއްތިހާދުގެ ޕާލިމެންޓްގެ ރައީސަށް ފޮނުވި ސިޓީގައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ރަސްމީކޮށް ވަފްދެއް ފޮނުވާފައި ނުވިނަމަވެސް، ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް، ޓޫރިސްޓް ވިސާގައި އީޔޫ ޕާލިމެންޓްގެ 3 މެމްބަރަކު ރާއްޖެއައިސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފައިވާކަމަށެވެ. އަދި ރާއްޖެއާމެދު ޔޫރަޕްގެ އިއްތިހާދުން ނިންމުންތަކެއް ނިންމާފައިވާކަން ދެއްކުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

ރާއްޖެއައި ވަފުދުގެ މީހުން މިހާރު ބުނަމުންދަނީ އެމީހުން ރާއްޖެއައީ ރަސްމީ ދަތުރެއްގައިކަމަށް ބުނެފައި ނުވާނެކަމަށެވެ. ނަމަވެސް މި ވަފްދުގައި ހިމެނޭ މެމްބަރުންވަނީ ރަސްމީ ޙައިޞިއްޔަތުން ޔޫރަޕްގެ އިއްތިހާދުން ދެކޭގޮތްކަމަށްބުނެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޓަރވިއުދީފައެވެ.

އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާ ގާތްގުޅުމެއް ބާއްވަމުންއަން އީޔޫ ޕާލިމެންޓްގެ މި މެމްބަރުން ރާއްޖެއައިސް ދިވެހި ދައުލަތުގެ އިސްވެރިންތަކަކާމެދު އީޔޫއިން ފިޔަވަޅުއެޅުމަށް ލިސްޓެއް އެކުވަލާލާފައިވާކަމަށްބުނެ ދޮގު ޚަބަރު ފަތުރާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ގެންދިޔައީ މިކަމާ އުފާފާޅުކުރަމުންނެވެ. ނަމަވެސް ޖެހިގެންއައިދުވަހު އީޔޫން ވަނީ މިކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ.