ޚަބަރު

ބޭރުގެ ނުފޫޒްތަކަށް ނޫނެކޭ ބުނުމަކީ މިސަރުކާރު ވަރުގަދަކަމުގެ ހެއްކެއް - ޑރ.ޝަހީމް


އެތެރެއާއި ބޭރުގެ ނުފޫޒުން އެއްކިބާވެފައިވާ ޤައުމެއްގެ ގޮތުގައި އޮތުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެ އެކަހެރިވުން ނޫންކަމަށާއި އެއީ މިސަރުކާރުގެ ވަރުގަދަކަން ދައްކައިދޭ އަލިގަދަ ހެއްކެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުކުރެއްވުމަށް އަތޮޅުތެރޭގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ.މީދޫ ރައްޔިތުންނާ މުޚާޠާބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަށް ފާޑުކިޔައި އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ މިދިޔަ ފަސްއަހަރު ތެރޭ މުޅިންއަލަށް އެތަކެއް ޤައުމުތަކަކާއި ރާއްޖެއާގުޅުން ބަދަހި ކޮށްފައިވާކަމަށާ މީގެކުރިން ނާންނަވަރުގެ ބޮޑެތި އިންވެސްޓަރުން މިސަރުކާރުގައި ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި މުޅިން އައު ޤައުމުތަކުން ފްލައިޓްތައް ރާއްޖެ އައިސް ވިޔަފާރީގެ އެތަކެއް އިންވެސްޓްމެންޓްތައް ޤާއިމް ކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ބޭރުގެ އެކިއެކި ޖަމާއަތްތަކުން އަޅުގަނޑުމެން މައްޗަށް އިއްވާ ވަސިއްޔަތަކަށް ޢަމަލު ނުކުރުމުން އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ރާއްޖެ އެކަހެރިވެގެންދާ ސަބަބެއް ނޫން. އޭގެ މާނައަކީ ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދައީއޭ. ކޮމަންވެލްތުން ވެސް ރާއްޖޭގެ މައްޗަށް ވަރަށްވަރުގަދަ ފިޔަވަޅުތައް އަޅަން އުޅުނު. އެމީހުން ފިޔަވަޅު އެޅުމުގެ ކުރިން، އެމީހުންނާމެދު ރައީސް ފިޔަވަޅު އަޅުއްވައިފި."

ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޢަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރައްވައި ޙައްޖަށްދާން ބޭރަށް ގޮސްގެން ވިސާޖެހުމަށް އޮތްއުސޫލް ނިމުމަކަށް ގެނެސްދެއްވައި ދިވެހި ހައްޖުވެރިންނަށް އަމިއްލަ ޤައުމުން ވިސާ ޖެހޭނެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވީ މިސަރުކާރުން ކަމަށެވެ. އޭގެ އިތުރުން އިސްލާމީ ޤައުމުތަކުގެ އެހީއާއެކު މެޑިކަލް ކޮލެޖްތައް ރާއްޖޭގައި ޤާއިމް ކުރައްވާ ރާއްޖޭގައި މެޑިސިން ކިޔެވޭނެ މަގު ފަހިކޮށްދެއްވީވެސް ރައީސް ޔާމީން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ކޮންމެސަރުކާރެއްގައި ވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެކަމަށެވެ. އެގޮތުން އިސްލާހު ކުރަން ޖެހޭ ކަންކަންނެތީ ކޮންސަރުކާރެއްގައިތޯ ވިދާޅުވެ ސުވާލު އުފައްދަވަމުން ޝަހީމް ވިދާޅުވީ މިސަރުކާރުގައި ހުރިމައްސަލަތައް އިސްލާހު ކުރުމުގެ ބަދަލުގައި ބޭރުގެނުފޫޒުތަކުގެ ކުރިމަތީގައި ރައީސް ޔާމީން ގުރުބާން ކުރަން މަސައްކަތް ކުރުމަކީ އެކަމަށްއޮތް ހައްލު ނޫން ކަމަށެވެ.

"އިސްލާމްދީނުގެ ޢަދާވާތްތެރި ބާރުތައް އިސްލާމީ ވެރިއެއް ދެކެ ރުޅިއަންނަންޏާ އަޅުގަނޑުމެން ޖެހޭ އެބޭފުޅަކު ދެކެ ލޯބިވާން. އެއީ އެ ބާރުތަކުން އެމީހުންދެކެ ނަފްރަތުކުރަނީ އެމީހުން ބުނާހާ ކަންތައް ނުކުރާތީކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ."

ޝަހީމް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވާ ޢިލްމުވެރިންނަށް އިޝާރާތް ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް "މޫސުމީ ފަތުވާތައް" ނެރޭ ބައެއް ޢިލްމުވެރިން އުޅުއްވާ ކަމަށެވެ. އެކަމަކު، ސާބިތު ނުހިފޭ ކަންކަމުގެ ވާހަކަ ދެއްކުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެއީދީނުގައި ހުއްދަ ކަމެއް ނޫންކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ބައެއް ފަރާތްތަކުން ރައީސް ޔާމީންގެ އަބުރުފުޅު ކަތިލުމަށް މަސައްކަތްކުރި ނަމަވެސް ރަަށްރަށަށް ކުރައްވާ ޒިޔާރަތުން ފެނިވަޑައިގަންނަވަނީ އެހެން މަންޒަރުތަކެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މެދުގައި ރައީސް ޔާމީނާއި މިސަރުކާރަށް ތާއީދު އޮތް މިންވަރު ފެނިވަޑައިގަންނަވާ ކަމަށާއި މީދޫގެ ރައްޔިތުންވެސް ތިބީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީ ޤަބޫލުކޮށްގެންކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.