ޚަބަރު

ޖަލުގައި އަނިޔާކުރުމުގެ ސަޤާފަތް ނައްތާލީ މިސަރުކާރުން - ހޯމް މިނިސްޓަރ


ރާއްޖޭގެ ޖަލުތަކުގައި އަނިޔާކުރުމުގެ ސަޤާފަތް ނައްތާލައި، އެކި އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި ޤައިދީން މުޖުތަމައަށް ބޭނުންހުރި ބަޔަކަށް ހައްދައި މުޖުތަމައަށް ނެރެދިނީ މި ސަރުކާރުން ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ޤައިދީންނަކީވެސް މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް މަސައްކަތްކޮށް މިސަރުކާރުން އެކަން ކާމިޔާބުކޮށްފައިވާކަމަށެވެ. މީގެތެރޭގައި ކުދި ކުށްތަކުގައި ޖަލުގައި ތިބި މީހުންނަށް ދެވަނަ ފުރުސަތު ދިނުމާއި، މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމާއި، ޖަލުގައި ތިބެގެން ތަޢުލީމް ހޯދުމުގެ ފުރުސަތު ދިނުމާއި، އާމްދަނީ ހޯދުމުގެ ފުރުސަތުތައްވެސް މިސަރުކާރުން ފަހިކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޖަލުތަކުގައި އަނިޔާކުރުމުގެ ސަޤާފަތް ނައްތާލީ މި ސަރުކާރުން ކަމަށެވެ.

"ރައީސް ކުރެއްވި މަސައްކަތަކީ ޒުވާނުން ކުށުގެވެށިން ސަލާމަތްކުރުން. ކުދި ކުށްތަކުގައި ތިބި މީހުންނަށް އިތުރު ފުރުސަތު ދިނުން. ޓެގު އެޅުވުމާއި ބަންދުގައި ބައިތިއްބުމެއް ނޫން ރައީސްގެ ވިސްނުމަކީ. މިއީ ޒުވާނުންގެ ކްރިއޭޓިވިޓީ ގެއްލޭކަމެއް، މިހާރުގެ ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެތިބި ހަރުދަނާ ބައެއް." ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެކިއެކު ކުށްކުށުގައި ޖަލު ބަންދުގައި ތިބި މީހުންނަށްވެސް ޖަލުގައި ތިބެގެން އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދީފައިވާއިރު، އެފަރާތްތަކުގެ އާއިލާއަށް އެހީތެރިވުމާއި، އަދި ފަހަށް ރައްކާކުރުމުގެ މަގުވެސް މި ސަރުކާރުން ފަހިކޮށްދީފައިވާކަމަށެވެ. މިއީ މިފަރާތްތަކަކީވެސް މުޖުތަމަޢުން ބާކީކޮށްފައިވާ ބަޔަކަށް ހެދުމުގެ ބަދަލުގައި، ފައިދާހުރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.