ޚަބަރު

ޤާނޫނު ކުރިމަތީގައި އެންމެން ހަމަހަމަކަން ކަށަވަރުކޮށްދެއްވީ ރައީސް ޔާމީން - ހޯމް މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ، ދިވެހިރާއްޖޭގައި ވަކި މީހަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒް ކުރުމަށް ބާރުއަޅުއްވައި އެކަން އަމަލީގޮތުން ދެއްކެވި ހަމައެކަނި ލީޑަރަކުކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ވަކި މީހަކު ވިޔަފާރިވެރިއަކަށް ނުވަތަ ވަކި ފެންވަރެއްގެ، ވަކި މަޤާމެއް އަދާކޮށްފައިވާ މީހަކަށް ވުމަކީ އެމީހެއްގެ މައްޗައް ޤާނޫނުގެ ބާރު ނުހިންގެންޖެހޭ ސަބަބެއްކަމަށް ހީވެފައި އޮތް އޮތުން ރައީސް ޔާމީން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އެގޮތުން ޤާނޫނުއަސާސީގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ މީހެއްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ އޮތުން ކުރިއަށްނެރެ ރައީސް ޔާމީން ޤާނޫނުގެ ބާރު ނަގަހައްޓާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ޙުކުމް ތަންފީޒް ކުރުމުގެ ނިޒާމުއޮތީ ގަޑުބަޑުވެ، އިންސާފާއި ހަމަހަމަކަން ގެއްލިފައި ކަމަށެވެ. އެގޮތުން ހުކުމް ނުކޮށް ގިނަދުވަސްތަކެއްވަންދެން މީހުން ޖަލުގައި ބޭތިއްބުމާއި، އެމީހުންގެ މައްސަލަތައް ކުރިއަށް ނުގެންގޮސް ވާނުވާ ނޭނގި ބޭތިއްބުމާއި، އަދި ޖަލުގައި މީހުންނަށް ނަހަމަ އަދަބުތައް ދެމުންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެތެރެއިން ކުއްޖަކު ޔޫރިން ނުދިނީމައި އޭނާގެ މައްޗަށް އަންނަ ހުކުމް، ހަމަ ކޮންމެ މީހެއްގެ މައްޗައްވެސް އަންނަންޖެހޭ. ރައީސް މައުމޫންވިއަސް، ރައީސް ޔާމިންވިއަސް، ރައީސް ވަހީދުވިއަސް، ރައީސް ނަޝީދުވިއަށް، މި ހުކުމް އަންނާނީ ހަމަހަމަކޮށް. މި އިންސާފު ރައީސް ޔާމިން ޤާއިމުކޮށްދެއްވީ. ސާބިތު ހެއްކާއެކު މި ދަންނަވަނީ، ވަކި މީހަކަށްވީތީ މިހާރު ޤާނޫނު ނުހިނގާ މީހެއް ނުހުންނާނެ. މި ޙާލަތު ބަދަލުކޮށްލައި، ރައީސް މައުމޫނު ޖަލުގައި ހުންނެވީ ރައީސް ޔާމިންގެ އަނިޔާވެރިކަމުންނޭ ބުނާ ކަމުގެ އަސާސަކީ ކޮބައިތޯ؟ ދިވެހި ރާއްޖޭގެ ކޯޓަކުން ހުކުމް ނުކުރާ އެކަކުވެސް ޖަލަކު ނުހުނާނެ، އަދި ހުކުމް ކުރަނީ އެކަން ސާބިތުވެގެން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައިދީންގެ ޙައްޤުތައް ހިމާޔަތްކޮށް، މުޖުތަމައަށް އަނބުރާ ނުކުންނަން ބޭނުންވާ ޤައިދީންނަށްވެސް ހަމަހަމަ ފުރުޞަތުތައް ދެމުންދާ ކަމަށެވެ. އެގޮތުން ބޭސް ފަރުވާއަށް ދިއުމާއި އާއިލާއާއި ބައްދަލުކުރުމާއި އެކި ތަމްރީނުތައް ދިނުންފަދަ ފުރުސަތުވެސް ހަމަހަމައަށް ދެމުންދާކަމަށެވެ.

މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަކީ، މިހާރު ބައިނަލްއަޤްވާމީ ފަރާތްތަކުން ބަލައިގަންނަ، އެ ފަރާތްތަކުން ތައުރީފުކުރާ ނިޒާމަކަށް ވެފައިވާކަމަށެވެ.