ޚަބަރު

7 މިލިއަން ފަތުރުވެރިން ގެނައުމަށް ކުރާ މަސައްކަތް ދަނީ ބާރަށް ކުރިއަށް - ޓޫރިޒަމް މިނިސްޓަރ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ތަސައްވުރާއެއްގޮތަށް ރާއްޖެއަށް 7 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓުމެއްނެތި ވަރަށް ބާރަށް ކުރިއަށްދާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމާ ގުޅުވައިގެން ޕީއެސްއެމްނިއުސް އިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް 7 މިލިއަން ފަތުރުވެރިން ގެނައުމަކީ ރައީސް ޔާމީންގެ ތަސައްވުރެއްކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކޮށްފައިވާ ކޯޑްއެފް ރަންވޭ މިކަމުގެ ހެއްކަކަށް ފުދޭކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އާ ރަންވޭއަކީ ދުނިޔޭގެ އެންމެ ބޮޑެތި އެއަރކްރާފްޓްތައް ކަމަށްވާ އޭތްރީ އެއިޓީގެ މަރުކާގެ ބޯޓުތަކަށްވެސް ޖެއްސޭނެހެން ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ނިމުމުން ރާއްޖެއަށް ގެނެވޭ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނުން 7.5 މިލިއަނަށް އިތުރުވެގެންދާނެއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ރާއްޖޭގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ރިސޯޓްތަކުގެ އިންވެސްޓަރުންނަށްވެސް މިވަނީ އުންމީދު އާވެފައެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާރުވެސް 130 ރިސޯޓެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމަށް އުޖާލާ މުސްތަޤްބަލެއް އޮތްކަން އެނބޫދޫ ފަޅުގެ ބިޔަ މަޝްރޫންވެސް ހާމަކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ތެރޭގައި 50 ރިސޯޓް ހުޅުވުމެވެ.
މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެހެން ފުޅާކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން އެކި އަތޮޅުތަކުގައި ރިސޯޓްތައް ތަރައްޤީކުރަމުންދާއިރު، ދަތުރުފަތުރުގެ ދަތިކަން ހައްލުކުރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް ޚާއްޞަ އެމްޕްލޮއިމެންޓް ސްކީމެއް ތަޢާރަފްކޮށް ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުޞަތު ލިބޭނެ މަގު ފަހިކޮށްދެއްވާނެކަންވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ސައްތައިން ސައްތަ ދިވެހިންނަށް ހެދުމުގެ އަމާޒުގެ ދަށުން މިހާރުވެސް ސްކޫލް ދަރިވަރުންނަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އެކި މަޢުލޫމާތާއި މި ދާއިރާއިން ކުރިއަށްދެވޭނެ މަގު ބީޓެކް ޕްރޮގްރާމާއި ދަސްވާރުފަދަ ޕްރޮގްރާމްތައް މެދުވެރިކޮށްދަނީ ފަހިކޮށްދެމުންނެވެ.