ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވަންވާނީ ރައީސް ޔާމީން ފަދަ ގަޓު ހުރި ޢަޒުމު ވަރުގަދަ ޞާލިޙް ބޭފުޅެއް ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާޢީދު އިތުރު ކުރެއްވުމަށް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ދ. މީދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގެ ވަލިއްޔުލް ޢަމްރުގެ މަޤާމުގައި ހުންނަވަން ޖެހޭނީ ކެރުމާއި، ހިތްވަރާއި، ފަންވަރާއި، އަޒުމް ހުރި ،ގަޓް ހުރި ބޭފުޅެއް ކަމަށާއި އެހެން ނޫން ކަމަށް ވާނަ ޤައުމު އެއްކޮށް އޮޔާލާ ދާނެ ކަމަށެވެ. އެގޮތުން ޤައުމުގެ ޒަޢާމަތުގައި ހުންނަން ޖެހޭނީ ވަރުގަދަ ޝަޙުޞިއްޔަތެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހުން، ރައީސް ޔާމީން ފަދަ ހިތްވަރުގަދަ ޞާލިޙު ގަޓް ހުރި ބޭފުޅެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.
"ވަރުގަދަ ގަޓް ހުރި ޞާލިޚް ވެރިއެއް ބޭނުންވަނީ. ހަމައެކަނި ޞާލިޚް މީހެއް ނޫން ބޭނުންވަނީކީއެއް. އެ މިހާ ކިތައްމެ ޞާލިޚް މީހަކަށް ވިޔަސް އެމީހާގެ އެވަރުގަދަކަމާ ކަންކަމާ ކުރިމަތިލުމުގެ ކެރުންތެރިކަން ނެތިއްޔާ ކިހިނެއް ވާނީ. ޤައުމު އޮޔާލާ ދާނީ." ޑރ. ޝަހީމް ވިދާޅުވިއެވެ.
ބޭރު ޤައުމުތަކާއި ރާއްޖެއާއި ގުޅުން ހީނަރުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ބޭރު ޤައުމުތަކާއި ރާއްޖެއާއި ގުޅުން އޮތް މިންވަރު އިނގޭނީ ބައިނަލް އަޤުވާމީ މުޖުތަމަޢު ދަންނަވަރުގެ ބަޔަކަށް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ދުނިޔޭގެ އެތައް ޤައުމަކާއި މުޅިން އަލަށް ގުޅުން ޤާއިމުކޮށްފައިވާ ކަމަށާއި މީގެ ކުރިން ދުވަހަކުވެސް ނާންނަ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް މި ސަރުކާރުން ގެނެސްފައިވާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.
"ބޭރުގެ އެކިއެކި ޖަމާޢަތްތަކުން އަޅުގަނޑުމެންގެ މައްޗަށް އިއްވާ ވަޞިއްޔަތްތަކަށް އަޅުގަނޑުމެން އަމަލު ނުކުރުމަކުން އެއީ ބައިނަލް އަޤުވާމީ މުޖުތަމަޢުގައި ރާއްޖެ އެކަހެރިވެގެން ދިޔަ ދިއުމެއް ނޫން. އޭގެ މާނައަކީ ބައިނަލް އަޣްވާމީ މުޖުތަމައުގައި ރާއްޖެ ވަރުގަދައީއޭ." ޑރ.ޝަހީމް ވިދާޅުވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ މީހެއްގެ ރަނގަޅުކަމާއި ނުބައިކަން ކަނޑަ އެޅުމުގައި އެމީހެއްގެ ވަށައިގެން ތާއީދު ކުރާ މީހުންނާއި ނުކުރާ މީހުންނަށްވެސް ބަލަން ޖެހޭ ކަމަށާއި ރައީސް ޔާމީނުގެ ވަށައިގެންވާ މީހުންނާއި ދަޢުލަތްތަކާއި ވާގި ދެއްވަނީ ކޮންކޮން ބައެއްކަން ބެއްލެވުމަށްފަހު، އެމަނިކުފާނާއި އިދިކޮޅަށް ނުކުންނަވާ ކެނޑިޑޭޓްގެ ވަށައިގެން އުޅެނީ ކޮން ބައެއް ކަމާއި އެ ކެނޑިޑޭޓަށް ވާގިވެރިވަނީ ކޮން ދަޢުލަތްތަކަކުންތޯ ބެއްލެވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.
ޑރ.ޝަހީމް ވިދާޅުވީ އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޔާމީނަށް ތާއީދު އޮތް މިންވަރު ހާމަވެގެންދާ ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ދ. މީދޫ ރައްޔިތުންގެ ތާއީދުވެސް އޮތް ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.