ކުޅިވަރު

ރާއްޖޭގައި އޮފިޝަލް ލިވަޕޫލް ސަޕޯޓަރސް ކްލަބެއް އުފައްދައިފި

ރާއްޖޭގެ ގިނަ ބަޔަކު ސަޕޯޓްކުރާ އިނގިރޭސިވިލާތުގެ ކްލަބެއް ކަމަށްވާ ލިވަޕޫލްގެ އޮފިޝަލް ސަޕޯޓަރސް ކްލަބެއް ރާއްޖޭގެ ސަޕޯޓަރުން އުފައްދައިފިއެވެ.

މިއީ އިނގިރޭސީވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ، ލިވަޕޫލްގެ ރާއްޖޭގެ ސަޕޯޓަރުންގެ ގްރޫޕަކަށް އޮފިޝަލް ސްޓޭޓަސް ލިބުނު ފުރަތަމަ ފަހަރެވެ. ލިވަޕޫލްގެ އެފް.ސީގެ ސަޕޯޓަރުންގެ ކްލަބެއް ރާއްޖޭގައި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބައްސާމް ރަޝީދު ބުނީ، އެ ގްރޫޕުން އޮފިޝަލް ސްޓޭޓަސް ހޯދުމަށްޓަކައި މަސައްކަތް ކުރިތާ އެންމެ 6 މަސް ދުވަސް ތެރޭގައި އެކަން ކާމިޔާބުވުން އެއީ ރާއްޖޭގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމަށެވެ. ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ލިވަރޕޫލް ސަޕޯޓަރސް ކުލަބުގެ މީޑިޔާ ކޯޑިނޭޓަރ މުޙައްމަދު ޖައިލަމު ބުނީ މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކާމިޔާބުވި ކަމެއް ކަމަށާއި އޮފިޝަލް ސްޓޭޓަސް ހޯދަން ގިނަ މަސައްކަތް ކުރިކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ދުވަސް ވެއްޖެ އަން އޮފިޝަލްކޮށް ގްރޫޕެއް ހަދައިގެން އުޅޭތާ. ދެން މި އަހަރު ކުރީކޮޅު ވޯކިންގެ ގްރޫޕެއް ހަދައިގެން ވަރަށް ސީރިއަސްކޮށް ޕްލޭންތަކެއް ކޮށް، އެކި ދުވަސްވަރު މަތިން ތަފާތު އިވެންޓްތައް ބާއްވާ، ޗެރިޓީ އިވެންޓްތައްވެސް ބާއްވާފަ ލިވަޕޫލްގެ އޯ.އެލް.އެސް.ސީ ޓީމާއި ވާހަކަ ދައްކައިގެން މިކަން މި ކާމިޔާބުވީ. ވަރަށް ގިނަ ބައެއްގެ މަސައްކަތްމީ" މުޙައްމަދު ޖައިލަމް ބުންޏެވެ.

ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންވަނީ އޮފިޝަލް ވުމުގެ ކުރިންވެސް ތަފާތު އެކި ހަރަކާތްތައް ހިންގާފައެވެ. އެގޮތުން އެ ގްރޫޕުން ވަނީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަނާ ގުޅިގެން، މި އަހަރުގެ ފިޠުރު ޢީދު ދުވަހު ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބޭ ސެންޓަރުގައި އުޅޭ ކުދިންނަށް ޢީދު ހަދިޔާ ދިނުމަށް ފައިސާ ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން ކުރިޔަށް އޮތްތާގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ލިވަރޕޫލް ސަޕޯރޓާސް ކްލަބުން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަންސާހަށް ވުރެއް ގިނަ ގައުމުގައި 200 އަށް ވުރެ ގިނަ ލިވަޕޫލް އޮފިޝަލް ސަޕޯޓަރުންގެ ކްލަބު އުފައްދާފަވެއެވެ. އޮފިޝަލް އިންޓަރނޭޝަނަލް ފޭން ގްރޫޕްތަކަކީ އެ ކްލަބެއްގެ ލޯކަލް ސަޕޯޓަރުން އެއްތަންވެ، ސަޕޯޓަރުންގެ މެދުގައި އެކި ހަރަކާތްތަށް ހިންގުމަށްޓަކައި އެ ކްލަބާއި ގުޅިގެން ހިންގާ، އަދި އެމީހުންގެ އެންޑޯރޒްމަންޓް ލިބިގެން އުފައްދާފައިވާ ގްރޫޕް ތަކެކެވެ. ރާއްޖޭގެ ސަޕޯޓް ކްލަބު އޮފިޝަލް ވުމާއެކު އެކްލަބުވަނީ ލިވަޕޫލްގެ ރަސްމީ ވެބްސައިޓުގައި ހިމަނާފައެވެ.

މީގެ ކުރިން ރާއްޖޭގައި އުޅޭ ޗެލްސީގެ ސްޕޯޓަރުންވެސް ވަނީ އެމީހުންގެ އޮފިޝަލް ސަޕޯޓަރުންގެ ކްލަބެއް އުފައްދާފައެވެ.