ޚަބަރު

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްޤީކުރުމަށް ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވޭ- ޖެންޑަރ މިނިސްޓަރ


އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްޤީކޮށް އެކުދިންނަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހައި ފަރާތްތަކުންވެސް އެހީތެރިވުމަށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ގޮވާލައްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން "އާޓް އޮފް މައިންޑް 2018" ގެ ނަމުގައި މިއަދު ފެށި މައުރަޒާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ނުުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ ޚާއްޞާ އިރުޝާދުގެ މަތިން މިކަމާގުޅުން ހުރި ގިނަ ސިޔާސަތުތައް މިހާރު ތަންފީޒު ކުރަމުންދާއިރު، ސަރުކާރުގެ ޢަމާޒަކީ މިދާއިރާ ތަރައްޤީ ކުރުމަށް މަސައްކަތްކުރާ އެކި އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢާތްތަކާއި ގުޅިގެން މިފަދަ ކުދިންނަށް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްދިނުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"އާޓް އޮފް މައިންޑް 2018" އަށް ޢިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ މިކުދިންނަކީ ހުނަރުވެރި ކުދިންނަށްވާއިރު، މިކުދިންގެ ހުނަރު ތަރައްޤީކޮށް، ތަފާތު އެކި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް އެކި ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ މިހާރު ގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމެއް. މި މައުރަޒު ބޭއްވުމުގެ މަޤްޞަދަކީ އޯޓިޒަމް ހުންނަ ކުދިން ގެ ހުނަރުތައް ދައްކާ އެ ހުނަރުތައް ތަރައްޤީ ކުރުން. "އެކުދިންނަށް (އޯޓިޒަމް ހުންނަ ކުދިންނަށް) ތަފާތު ފުރުޞަތުތައް ފަހި ކޮށްދިނުމާއި، ހުނަރު ތަރައްޤީ ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކެއް ގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިގެން ދިއުން.." ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

"އާޓް އޮފް މައިންޑް 2018" އާއި ބެހޭ ގޮތުން އެން.ސީ.އޭ ގެ ކިއުރޭޓަރ އަޙްމަދް ނައީމް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ފުރުޞަތު ތަކެއް ފަހި ކޮށްދިނުމުގައި އެއިދާރާއިންވެސް އެހީތެރިވާން ބޭނުންވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ މުޢައްސަސާތަކައި ޖަމުޢިއްޔާ ޖަމާޢަތްތަކުން ގުޅިގެން އިތުރަށް މަސައްކަތް ކުރުމުގެ މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އޯޓިޒަމް ހުންނަ ކުދިން ވަރަށް ބޮޑަށް ޝައުޤުވެރިވޭ އާރޓު ގެ ކަންތައްތަކަށް އެން.ސީ.އޭ ގެ މެންޑޭޓް ގެ ތެރޭގައި ހިމެނޭ ކަމެއް މިއީ އާރޓު ކުރިއެރުވުން، މި އެގްޒިބިޝަން ގެ ފަރާތުން އެ ކުދިންނަށް ކޮންމެސް ކަހަލަ ފުރުޞަތުތަކެއް މިދެވެނީ. އެއީ ކަންނޭގެ އަޅުގަނޑު އެން.ސީ.އޭ ގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ" އެން.ސީ.އޭގެ ކިއުރޭޓަރ އަޙްމަދް ނަޢީމް ވިދާޅުވިއެވެ.

މި މައުރަޒުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ނައިބު ރައީސް އިފްހާމް ޙުސައިން ވިދާޅުވީ، މައުރަޒުގައި ދައްކާލާ ކުރެހުންތައް އާއްމުންނަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާ މިފައިސާ ބޭނުން ކުރާނީ އޯޓިޒަމް ހުންނަ ކުދިންނަށް ދޭ ޚިދްމަތް ރަނގަޅު ކުރުމަށް ކަމަށެވެ.

"މައުރަޒު ކުރިޔަށްދާއިރު، ކުރެހުން ބުކް ކުރެވޭނެ އެބޭފުޅަކު ބޭނުން އަގެއްގައި. މައުރަޒު ނިމުމުން އެ ގަތް ފަރާތާކާއި ކުރެހުން ޙަވާލުކޮށްދޭނެކަމަށް. މިކުދިންގެ ކުރެހުންތައް ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރާނީ އޯޓިޒަމް ހުންނަ ކުދިންނަށް ދޭ އެކި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން. އަދި ފުރުޞަތު ފަހިކޮށްދިނުމަށް އެކި ކަންކަން ހިންގުމަށް" އިފްހާމް ވިދާޅުވިއެވެ.

"އާޓް އޮފް މައިންޑް 2018" މަދަމާގެ ނިޔަލަށް ނޭޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާއިރު، ހެނދުނު 10:00 އަކުން ހަވީރު 6:00 އަކާއި ހަމައަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. އޯޓިޒަމް ހުންނަ ކުދިން ގެ ހުނަރު ތަރައްޤީކޮށް، މުޖުތަމަޢުގައި އެ ކުދިން ގެ ބައިވެރިވުން އިތުރުކޮށް، މި ދާއިރާގެ ފަންނީ މީހުންގެ އެހީ އެ ކުދިންނަށް ފަހި ކޮށްދިނުމަށްޓަކައި ބާއްވާ މިމައުރަޒުގައި އޯޓިޒަމް ހުންނަ 2 އަހަރާއި 13 އަހަރާއި ދެމެދު ކުދިންގެ ކުރެހުންތަކާއި ޢާޓްގެ މަސައްކަތް ހިމެނޭ ގޮތަށް 95 ކުރެހުމެއް ޑިސްޕްލޭއި ކުރެވިފައިވާކަމަށް މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ.

މިއީ "އާޓް އޮފް މައިންޑް 2018" މައުރަޒު ބާއްވާ ތިންވަނަ ފަހަރެވެ.