ޚަބަރު

އިލެކްޝަންސް އޮފިޝަލުންނާ ގުޅޭގޮތުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް- އިލެކްޝަންސް ކޮމިޝަން


ވޯޓްލާ މަރުކަޒުތަކުގައި ޙަރަކަތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ހޮވާފައިވާ ބައެއް އޮފިޝަލުންނަކީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވޯޓްލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަކީ އެކޮމިޝަނުން އާންމުކޮށްފައިވާ ޤަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވޭތޯ ޔަޤީންކުރުމަށްފަހު ހޮވާފައިތިބި ބައެއް ކަމަށެވެ. އަދި އޮފިޝަލުންގެ ގޮތުގައި ކަނަޑައަަޅާފައިތިބި އެއްވެސް މީހަކާބެހޭގޮތުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުންވެސް އަދި ރިޔާސީ ކެންޑިޑޭޓެއްގެ ފަރާތުންވެސް ޝަކުވާއެއް ލިބިފައިނުވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން، ކުރީގެ އިންތިޚާބުތަކެކޭ އެއްގޮތަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އާދައިގެ ގަލަމެއް ގެންދިއުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތައްކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ، ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފްވެރި އިންތިޚާބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކޮމިޝަނުގެ ބަހެއް ނެތި، އިންތިޚާބާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ސޯޝަލްމީޑިއާފަދަ ވަސީލަތްތައް މެދުވެރިކޮށް ނުފެތުރުމަށްވެސް އިލްތިމާސް ކޮށްފައެވެ. އެކޮމިޝަނުން ބުނެފައިވަނީ އިންތިޚާބާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ފެތުރުމަކީ ކަންބޮޑުވާ ކަމެއްކަމަށާ، އިންތިޚާބާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެ މަޢުލޫމާތެއް އެކޮމިޝަނުން ލިބޭނެކަމަށެވެ.