ޚަބަރު

ޒުވާނުންނަށް ފުރުޞަތު ދިނުމުން ޤައުމު ތަރައްޤީވަމުންދާ މަންޒަރު ފެނޭ- ރައީސް


ޤައުމު ތަރައްޤީވާ މަންޒަރު ފެންނަމުންދަނީ ޒުވާނުންނަށް ފުރުޞަތު ދެއްވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ބޮޑު މަގު ހުޅުވުމާއި ލ.ފޮނަދޫ ފެނުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރުގައި މިހާތަނަށް ލައްކައެއްހާ ވަޒީފާ އުފައްދާފައިވާރު އެ ވަޒީފާތަކުގައި ގިނައީ ޒުވާންނުންކަމަށެވެ.

ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނީ އެމީހުންނަކީ ކުށްކުރާ ބަޔަކަށް ވާންބޭނުވާތީކަމަށާއި ޒުވަނުންނަށް އުފެއްދި ގިނަ ވަޒީފާތަކުގެ ނަތީޖާ ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ކުރިމަގު އުޖަލާކޮށް ފުރުސަތު ހުޅުވާލަދިނީ ރައީސް ޔާމީންކަމަށް ޒުވާނުން ޤަބޫލްކުރާކަމަށާއި، އިޤްތިޞާދީ ގޮތުން އުފެއްދުންތެރި ބަޔަކަށް ޒުވާނުންވާތަން ފެނިގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ހައްދުންމައްޗަކީ އެންމެ ބިން ބޮޑު އަތޮޅުކަން ފާހަގަކުރައްވަމުން ވިދާޅުވީ، އިންޓެގްރޭޓެޑް ޓޫރިޒަމް އެންމެ ފުޅަދާއިރާއެއްގައި ތަރައްޤިކުރަމުން އަންނަނީ ހައްދުންމަތީގައިކަމަށެވެ. އެކަމަށް ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާނެކަމަށް ތަކުރާރު ކުރައްވަމުން ވިދާޅުވީ، ޒުވާނުނަށް ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ތަރައްޤިގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިންގުމުގައި އަހަރަކު ކުރިއަށްގެންދަނީ އެންމެ މަޝްރޫއެއްކަމަށާއި، ނަމަވެސް މިސަރުކާރުން އަހަރަކު ހައެއް ނުވަތަ ހަތް ރަށުގައި އެފަދަ މަޝްރޫޢުތައް ހިންގަމުން އަންނަކަމަށެވެ.

މިސަރުކާރުން މިހާތަނަށް ތަރައްޤިގެ ބޮޑެތި މަޝްރޫޢުތަކަށް އަށްޑިހަ އަށްހާސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފޮނަދޫގެ ތަރައްޤީއަށް އެކަނިވެސް 700 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށެވެ.

ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅުގެ ފިރިކަލުން އަވަހާރަވުމާ ގުޅިގެން، ފޮނަދޫގައި ބޭއްވި ޖަލްސާ ނިންމާލާފައިވާއިރު، މިކަމުގެ ހިތާމައިގައި ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ޖަލްސާވެސް ވަނީ ވަގުތަށް ވުރެ ކުރިން ނިންމާލާފައެވެ.