ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ފޮނަދޫ ފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހައްދުންމަތީ ފޮނަދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްދުންމަތީ ފޮނަދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ ފޮނަދޫގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ޤާއިމުކޮށްފައިވާ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

ފޮނަދޫ ފެނުގެ ނިޒާމުގެ މަސައްކަތަކީ ސަރުކާރުން، ސިއެރާ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެއް. މިމަޝްރޫޢަށް ސާޅީސް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާއިރު، މިމަޝްރޫޢުގެ ދަށުން 24 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި 12 ޓަނުގެ ޑީސެލިނޭޝަން ޕްލާންޓެއް ބެހެއްޓިފައިވާއިރު ދެހާސް ހަތަރު ސަތޭކަ ތިރީސް ހަތަރު ޓަނުގެ ތާނގީއަކާއި ފަސްދޮޅަސް ކިއުބިކް މީޓަރ ޓަނުގެ ތާނގީއެއް ވަނީ ބަހައްޓާފައެވެ.

މިމަޝްރޫޢުގެ ދަށުން ފޮނަދޫގައި ޒަމާނީ ފެންވަރަށް ފެނުގެ ޚިދުމަތް ޤާއިމްވެ، ހަތްސަތޭކަ ފަސްދޮޅަސް ތިން ގެއަކަށް ވަނީ ފެނުގެ ޚިދުމަތް ގުޅާދީފައެވެ.