ޚަބަރު

ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ލ.ގަމުން 400 ގޯތި ދޫކުރާނަން- ރައީސް ޔާމީން


ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލ. އަތޮޅު ގަމުން ހަތަރު ސަތޭކަ ގޯތި ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހަތަރު ސަތޭކަ ގޯތި ގަމުން ދޫކުރައްވާނެކަން ރައީސް ޔާމީން އިޢުލާންކުރެއްވީ ލ. ގަމު ތުނޑީ ބަނދަރު ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ގަމު ތުނޑީ ބަނދަރު ހުޅުއްވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، މީގެ ކުރިން ގަން ސިފަވެފައިވަނީ ސަރުކާރާ ދެކޮޅު ފިކުރު އޮތްތަނެއްގެ ގޮތުގައިކަމަށާއި، ނަމަވެސް އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ފެނިގެން ދިޔައީ ސަރުކާރުގެ ފިކުރުކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މިސަރުކާރުން ހައްދުންމަތީގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، މިސަރުކާރުން މިހާތަނަށް ގަމުގެ ތަރައްޤީއަށް އެކަނިވެސް 615 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށެވެ. ނަމަވެސް ފާއިތުވި ސަރުކާރުން ހޭދަކޮށްފައިވަނީ 35 މިލިއަން ރުފިޔާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ގަމަކީ ބިންބޮޑު ރަށަކަށް ވީނަމަވެސް އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ގޯތި ނުލިބުމުގެ މައްސަލަކަން ފާހަގަކުރެއްވި. އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 400 ގޯތި ގަމުން ދޫކުރާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ގޯއްޗަށް އެދި ފޯމް ހުށައެޅުމަށް ރައްޔިތުންނަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވުރެ ގަމަށް އައިސްފައިވާ ތަރައްޤީ ބޮޑުކަން ފާހަގަކުރައްވަމުން ވަނީ، މިމަހުގެ 23 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވާހަކަފުޅުގައި ވަނީ ހައްދުންމަތީ ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި ބޭރުގެ އެއަލައިންތަކުގެ ސީދާ އުދުހުންތައް ކައްދޫއަށް ބާއްވާ ފެންވަރަށް އެއަރޕޯޓް ތަރައްޤީކުރައްވާނެކަމަށް. މިއާއެކު ފަތުރުވެރިކަން ފުޅާވެ އައު ވަޒީފާ އުފެދިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު މިހާރު ވަރުގަދަވެފައިވާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންވި ނުވަދިހަ ހަތަރު ހާސް ވަޒީފާ މިހާރު އުފައްދާފައިވާކަން ފާހަގަކުރެއްވި. އަދި ޤައުމުގެ އިޤްތިޞާދު އިތުރަށް ވަރުގަދަކުރުމާއި ޓޫރިޒަމް ފުޅާކުރުމުގެ އުއްމީދު ގެއްލުވާނުލައްވާނޭކަމަށާއި އެހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.