ޚަބަރު

ދަޢުލަތުގެ ޚަޒާނާއިން ނެންގެވި އެއްވެސް އެއްޗެއް ނޯންނާނެ- ރައީސް


ދަޢުލަތުގެ ޚަޒާނާއިން ނެންގެވި އެއްވެސް އެއްޗެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ މަންފާތަކެއް ހޯދުމަށް ނޫންކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާ، ރައްޔިތުން އެދޭފަދަ ވެރިކަމެއް ކޮށްދެއްވުމަށްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ ފަސޭހަފުޅު މަޤާމެއް ނޫންކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކަށް އަލި އަޅުއްވާލެއްވި. އެގޮތުން އެމަނިކުފާނުގެ އާއިލާ އަވަހާރަކޮށްލުމަށް އެތައް ފަހަރަކު މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީ ބަލިކުރެވޭނެ ލީޑަރަކު ހުރިނަމަ އެމަނިކުފާނު އެފުރުސަތު އެބޭފުޅަކަށް ދެއްވަން ތައްޔާރަށް ހުންނެވިކަމަށާއި ނަމަވެސް އެމްޑީޕީއާއި، ރާއްޖެއާއި ބީރަށްޓެހި ފިކުރުތައް ބަލިކޮށް، ރައްޔިތުން ބޭނުންވާ ތަރައްޤީ ދެންވެސް ގެނެސްދެވޭނީ އެމަނިކުފާނަށްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމްތައް އަޅުއްވަމުން ގެންދަވާ ދިއުމަށް ވަނީ ރައްދުދެއްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދާދި ފަހުން އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުއްވި ކޮރަޕްޝަނުގެ އިލްޒާމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަބުރުފުޅު ނަގާލަން އިދިކޮޅުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށެވެ. އަދި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ދައްކާ ވާހަކަތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދައުލަތަށް ކުރެއްވި ދިގު ޚިދުމަތުގައި މިހާތަނަށް ދައުލަތުގެ ޚަޒާނާއިން ނެންގެވި އެއްވެސް އެއްޗެއް ނޯންނާނެކަމަށާއި ނަމަވެސް ސަރުކާރުގެ މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުންގެ ގޯތިތަކާއި ބިންތަކާއި ރިސޯޓްތައް ނަގާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދެވޭނީ އެމަނިކުފާނަށް އެފުރުސަތު ދެއްވުމުންކަމަށާއި، މިހާތަނަށް ހިތަދޫގެ ތަރައްޤީއަށް މިސަރުކާރުން 62 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.