ޚަބަރު

އެމްޕީއެލްގެ ބަސްދަތުރުތައް ހުޅުމާލެއާއި ހުޅުލެއަށްވެސް ފަށައިފި

ބުރިޖު ހުރަސްކޮށް މާލެއިން ހުޅުލެއަށް ބަސްދަތުރުތައް އެމްޕީއެލްއިން ފަށައިފިއެވެ. މާލެއިން ހުޅުލެއަށް ބަސްދަތުރުތަށް މިއަދު ފަށާފައިވާއިރު އިއްޔެ ވަނީ މާލެއިން ހުޅުމާލެއަށް ބަސްދަތުރުތައް ފަށާފައެވެ.

މާލެއިން ހުޅުލެއަށް މިއަދު ބަސް ދަތުރުކުރަނީ ހަވީރު 4 އިން ރޭގަނޑު 10 އަކަށެވެ. އަދި އޭގެފަހުން ހިލޭ ދަތުރުކުރެވޭ މުއްދަތު ނިމެންދެން ބަސް ދަތުރުކުރާނީ ހެނދުނު 7 އިން ރޭގަނޑު 10 އަކަށެވެ.

މާލެއިން ހުޅުމާލެއަށް މާދަމާ ބަސް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 7 އިން އިރުއޮއްސި ހައެއް ޖެހުމާ ހަމައަށެވެ. އަދި އޭގެފަހު އާންމުންނަށް ހިލޭ ދަތުރުކުރެވޭ މުއްދަތު ނިމެންދެން ހުޅުމާލެއަށް ބަސް ދަތުރުކުރާނީ ހެނދުނު 7 އިން ރޭގަނޑު 11 އަށެވެ.

ބުރިޖު ހުޅުވުމާއެކު އެމްޕީއެލުން ވަނީ 5 ދުވަސް ވަންދެން އާންމުންނަށް ބުރިޖްމަތިން ހުޅުލެ އަދި ހުޅުމާލެއަށް ހިލޭ ދަތުރުކުރެވޭގޮތް ހަމަޖައްސާފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، ބުރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއާއި ހުޅުލެއަށް ފެށި މި ބަސްދަތުރުތަކުގެ ވަގުތުތަކަކީ ވަގުތީ އެއްޗެއްކަމަށެވެ. ބުރިޖުމަތިން ބަހަށް ދަތުރުކުރެވޭ ވަގުތައް ބެލުމަށްފަހު ބަސް ދަތުރުކުރާނެ ވަގުތުތަކާއި ފީތައް ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

މާލެއިން ހުޅުލެއަށް ބަސްދަތުރު ކުރުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ވަނީ ބަސް ޓާރމިނަލެއް ހަދާފައެވެ. އަދި ހުޅުމާލޭގައިވެސް ވަނީ ބަސް ޓަރމިނަލެއް ހަދާފައެވެ. އެޗްޑީސީން ބުނީ ބަސް ޓަރމިނަލް ތަރައްޤީކުރަނީ ބަހަށާއި، އެހެނިހެން ހަތަރުފުރޮޅުލީ އުޅަނދުތަކާއި، ޕްރައިވެޓް ކާރާއި، ސައިކަލްތަކަށް ވަކި ލޭނަކުން ޓަމިނަލްއަށް ވަދެވޭ ގޮތަށްކަމަށެވެ. މީގެ އިތުރުން ޓަރމިނަލް ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް އެސަރަޙައްދުގެ މަގުތަކުގައި ޓްރެފިކް ފްލޯއަށްވެސް އެޗްޑީސީން ވަނީ ބަދަލުގެނެސްފައެވެ.