ޚަބަރު

ރިޔާސީ އިންތިޚާބަށް އޮފިޝަލުންގެ ރިޒާވް ޕޫލެއް އެކުލަވާލަނީ


ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކަށްވެސް، އެކެންޑިޑޭޓުންގެ ފަރާތުން 50 އޮފިޝަލުން ރިޒާވް ޕޫލެއްގެ ގޮތުގައި ބެހެއްޓުމަށް ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާއާއި ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި އިންތިޚާބުތަކުގައި އޮފިޝަލުންގެ ގޮތުގައި އައްޔަންކުރި ފަރާތްތަކުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ. އެގޮތުން، ވޯޓުލާދުވަހު އޮފިޝަލުން ގަޑިއަށް ހާޒިރުނުވުންފަދަ މައްސަލަތަކުގެ ސަބަބުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމުގައި ދަތިތައް ކުރިމަތިވާކަމަށެވެ. މި މައްސަލަ ޙައްލުކުރުމުގެ ގޮތުން މި ފަހަރުގެ އިންތިޚާބުގައި ތިން ސަތޭކަ އޮފިޝަލުންގެ ރިޒާވް ޕޫލެއް ކަނޑައަޅަން ނިންމާފައިވާކަމަށާއި، ކޮންމެ ރިޔާސީ ކެންޑިޑޭޓަކަށްވެސް 50 އޮފިޝަލުން ހޮވުމުގެ ފުރުޞަތުދޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގެ ސައްޙަކަން ޔަޤީންކުރުމައްޓަކައި ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވޯޓު ގުނަމުންދާއިރު ގުނާ ކޮންމެ ވޯޓޫ ކަރުދާހަކީ ސައްޙަ ވޯޓުކަރުދާހެއްތޯ ޔަޤީންކުރުމަށް ޓަކައި ޚާއްޞަ އާލާތްތަކެއްގެ ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މިއަހަރުގެ އިންތިޚާބުގައިވެސް ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިވެރިވާއިރު މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮފިޝަލުން ހިމެނެއެވެ. އެގޮތުން ރާއްޖެއިން ބޭރުގެ 51 އޮބްޒާވަރުންނާއި، 34 މޮނިޓަރުން ބައިވެރިވާއިރު، ރާއްޖޭގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ދެ ހާސް ހަ ސަތޭކަ އަށްޑިހަ (2680) އޮބްޒާވަރުންނާއި، ތިންހާސް ހަ ސަތޭކަ ސާދަ (3614) މޮނިޓަރުން ބައިވެރިވެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 849 މަންދޫބުން މި ރިޔާސީ އިންތިޚާބުގައި ބައިވެރިވެއެވެ.