ދިވެހި ޤައުމީ ޔުނިވަރސިޓީގައި ފަތުރުވެރިކަމުގެ ދާއިރާއިން ކިޔަވަމުންދާ 21 ދަރިވަރަކު އެ ދާއިރާއާ ގުޅުންހުރި ތަޖުރިބާ ހޯދުމަށް ތުރުކީވިލާތަށް ފުރައިފިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްގައި ކިޔަވާ މި ދަރިވަރުން ތުރުކީވިލާތަށް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ދަތުރަކީ ބައިނަލްއަޤުވާމީ މާކެޓްގައި ފަތުރުވެރިކަމާ ގުޅުންހުރި ކަންކަން ކުރިއަށްދާގޮތް ދަރިވަރުންނަށް ޢަމަލީގޮތުން ދައްކާލުމުގެ މަޤްޞަދުގައި ކުރާ ދަތުރެއްކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. މި ދަތުރުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ އިތުރުން ބައެއް ލެކްޗަރަރއިންވެސް ބައިވެރިވެއެވެ.
މި ދަތުރުގައި މި ދަރިވަރުން ތުރުކީވިލާތުގެ ވެރިރަށް އިސްތަންބޫލަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މިދަތުރުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވާ ލެކްޗަރަރ ޒީނަތު ޞާލިޙު ވިދާޅުވީ ދަރިވަރުންނަށް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ފަދަ މާއްދާތައް ކިޔަވައިދޭއިރު ފަތުރުވެރިކަން ކުރިއަރަމުންއަންނަ ޤައުމުތަކަށް ޒިޔާރާތްކޮށް ޢަމަލީ ތަޖުރިބާ ލިބުމަކީ ދަރިވަރުންގެ ތަޢުލީމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.
މިދަތުރުގެ ބައިވެރިން ތުރުކީވިލާތުގެ ފައިވް ސްޓާ 2 ހޮޓަލަކަށާއި 2 ކޮލެޖަށް ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތުރުކީވިލާތުގެ ޓޫރިޒަމް މިނިސްޓްރީއަށާއި އެޤައުމުގައި ހުންނަ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަނަލް ބޯރޑަށް ޒިޔާރާތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި އިސްތަންބޫލްގެ ބޮސްޕޯރަސް އައިލެންޑަށާއި ފިލިޕް އައިލެންޑަށްވެސް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.
އެއްހަފްތާގެ މުއްދަތައް ކުރާ މިދަތުރުގައި މި ދަރިވަރުންނަށް ތުރުކީގެ އެކި ހިސާބުތަކަށް ޒިޔާރާތްކޮށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާބެކަމަށް މި ދަތުރުގައި ބައިވެރިވާ ދަރިވަރުން ބުނެއެވެ.
ޤައުމީ ޔުނިވަރސިޓީގައި އެކި ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ތަޢުލީމީގޮތުން ކުރިއަށްދާން ބޭނުންވާ ޢަމަލީ ތަޖުރިބާތައް ހޯދައި ދިނުމަށްޓަކައި އެ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.