ޚަބަރު

1000 ޒުވާނުންނަށް ގެޓްސެޓް ލޯނު ދެއްވާނަން- ރައީސް ޔާމީން


ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚާބު ވެވަޑައިގަންނަވައިފިނަމަ ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ދޭން ފަށާފައިވާ ގެޓްސެޓް ލޯން ސްކީމް، 1000 ޒުވާނުންނަށް ދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ބުރިޖް ސަޅި" ނަމުގައި ޕީ.ޕީ،އެމުން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް މި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާމެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާކަމަށެވެ.

އެގޮތުން މިދައުރުގެ ތެރޭގައި ގެޓްސެޓް ލޯން ސްކީމާއި އެމް.އެމް.އީ ލޯން ސްކީމް ތައާރަފްކުރުމުން އިދިކޮޅު ފަރާތްތަކަށް އުނދަގޫވާކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދައުރުގެ ތެރޭގައި ދޭން ފެށި މިލޯން ސްކީމްތައް ކުރިއަށް އޮތް ދައުރަށް އިންތިޚާބު ކުރައްވައިފިނަމަ އެއަދަދު އިތުރު ކޮށްދެއްވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާނުން ރައީސް ޔާމީނަށް ވޯޓު ދެންވީ އެޒުވާނުންނަށް ބޭނުންވާ ކަންކަން ފުރިހަމަވަމުންދާތީކަމަށެވެ. އަދި ޒުވާނުންނަށް ކަންތައްތަކެއް ކޮށްދެއްވާނެކަމަށް އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް މިސަރުކާރުން ކޮށްދެއްވާފައިވާ ފަދަ ކަންތައްތައް ކުރުމުގެ ޤާބިލްކަން އެފަރާތްތަކުގެ ކިބައިގައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.