ޚަބަރު

ނަޝީދު ހުރިހާ ހިނދަކު އެމްޑީޕީއަށް ޤައުމަށް ފައިދާވާ މަސައްކަތެއް ނުކުރެވޭނެ- އަބްދުއްރަހީމް


އެމްޑީޕީގެ ލީޑަރޝިޕުގައި މުހައްމަދު ނަޝީދު އިސްކޮށް ހުންނަހާ ހިނދަކު އެމްޑީޕީއަށް ޤައުމަށް ހެޔޮއެދިގެން އެއްވެސް މަސައްކަތެއް ނުކުރެވޭނޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"ބުރިޖު ސަޅި" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނާއި ޤައުމުގެ އަގުހުރި މުދާތައް ވިއްކާލާ ޙަޤީޤީ ވައްކަން ކުރި ބަޔަކީ އެމްޑީޕީގެ އިސްވެރިންކަމަށެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގައި އިސްކޮށް އުޅޭހާ ދުވަހަކު އެމްޑީޕީގެ ލާދީނީ ފިކުރު ބަދަލެއް ނުވާނެކަމަށާއި އެމްޑިޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހުގެ ކިބައިންވެސް ފެންނާނީ އެމަންޒަރުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އިސްލާމްދީނާއި މިނިވަންކަން ދެމެހެއްޓުމަށް ނޫންކަމަށާއި އޭގެ ބަދަލުގައި އެ މީހުން މަސައްކަތް ކުރަމުންދަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ރައްޔިތުންނަށް ބިރުދައްކައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އިލްޒާމްތައް އަޅުވާއިރު އެކަމުގެ ހެއްކާ ޤަރީނާ ނެތި ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ނިކުންނަވަނީ ޤައުމީ ޖިހާދެއް ކުރައްވަންކަމަށާއި އެއީ އިސްލާމްދީނާ ޤައުމުގެ މިނިވަންކަމުގެ ޖިހާދެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.