ޚަބަރު

އިދިކޮޅުގައި ތިބީ ހުސް އަދާވާތްތެރިން، ވަރަށް ފަސޭހައިން ރޫޅޭނެ - ޑރ. ޝަހީމް


ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު ފަރާތްތަކުން ހަދާފައިވާ ކޯލިޝަން އެކުލެވިގެންވަނީ ހުސް އަދާވާތްތެރިންގެ މައްޗަށްކަމަށާއި، އެއީ މި ޤައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރާ ބައެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީ.ޕީ.އެމުން "ބުރިޖު ސަޅި" ނަމުގައި ކާނިވާ ސަރަޙައްދުގައި ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ލާ ވޯޓަކީ ރާއްޖޭގެ މުސްތަޤްބަލު ކަނޑައަޅާނެ ވަރަށްވެސް ހައްސާސް ވޯޓެއްކަމަށެވެ. އަދި މިއީ މާތްވެގެންވާ އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމާއި ގުޅިފައިވާ އިންތިޚާބެއްކަމަށާއި، ރާއްޖޭގެ ކުރިމަގު ބައްޓަންކުރަން ބޭނުންވާނަމަ ތަރައްޤީއަށް އާނއެކޭ ބުނެ، ރައީސް ޔާމީނަށް ދެވަނަ ދަޢުރެއް ދެއްވަންޖެހޭކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެމް.ޑީ.ޕީ އިސްވެ އޮވެ ރިޔާސީ އިންތިޙާބުގައި ވާދަކުރުމަށް ހަދާފައިވާ ކޯލިޝަނަކީ ހުސް އަދާވާތްތެރިންގެ މައްޗަށް އެކުލެވިފައިވާ ކޯލިޝަނެއްކަމަށެވެ. އަދި ރާއްޖޭގެ ތާރީޚުގައި އެންމެ އަވަހަށް ރޫޅިގެންދާނެ ކޯލިޝަނަކީވެސް އެމް.ޑީ.ޕީ އިސްވެ އޮވެގެން ހަދާފައިވާ ކޯލިޝަންކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރެއިން ބައެއް ދީނީ އިލްމުވެރިން ދެމުންދާ ފަތުވާތަކަކީ ކީރިތި ޤުރުޢާނާއި، ރަސޫލާގެ ސުންނަތާއި ކަނޑައެޅިގެން ޚިލާފު ފަތުވާތަކެއްކަމަށެވެ. އަދި އެފަދަ ފަތުވާތައް ދީގެން އިސްލާމްދީނުގެ ޤަދަރު ކުޑަކޮށްނުލުމަށް ޑރ. ޝަހީމް އިލްތިމާސްކުރެއްވިއެވެ.

ހަމައެހެންމެ މިއަދު އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ އިސްތިޤުލާލަށް އެކި ފަހަރު މަތިން ގެއްލުންދީފައިވާ ބައެއްކަމަށާއި އެފަދަ ބައެއްގެ ފަހަތަށް ދީނީ ޢިލްމުވެރިން ނުދިއުމަށްވެސް ޑރ. ޝަހީމް ގޮވާލައްވާފައިވެއެވެ.

"ބުރިޖު ސަޅި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންނަމުންދާ ތަރައްޤީ ރައްޔިތުން ބަލައިގަންނަނީ އުފަލާއެކު ކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކޮށްދިނުމަށްޓަކާ ދިވެހި ރައްޔިތުން އެއްވެސް ފަސްޖެހުމެއްނެތި މިމަހުގެ 23 ވަނަ ދުވަހު ނިކުމެއް ވޯޓުލުމަށް ޑރ. ޝަހީމް ގޮވާލެއްވިއެވެ.