ޚަބަރު

މި ސަރަޙައްދުގައި ހަކަތައިގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ވާނެ - ޠާރިޤް


ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ މި ސަރަޙައްދުގައި ހަކަތައިގެ ދާއިރާއިން އެންމެބޮޑަށް ކުރިއަރާފައިވާ އެއްޤައުމަށް ރާއްޖެ ވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"24 ގައިޑިއިރު ކަރަންޓް ޔަޤީން" މިނަމުގައި ފެނަކަ ކޯޕަރޭޝަނުން ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދަޢުރަކަށް ހޮވިވަޑައިގެންފިނަމަ ރާއްޖޭގައި ހުރި ހުރިހާ އިންޖީނުގެތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ.

ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގެމުގެކުރިން އެމަނިކުފާނުގެ ވަޢުދުފުޅަކީ ރާއްޖޭގެ ހުރިހާރަށަކަށް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި މިނިސްޓަރ ޠާރިޤު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، 24 ގަޑިއިރު ކަރަންޓް ނުލިބޭ އެތައް ރަށެއް ރާއްޖޭގައި އޮތްކަމަށާ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގައި މިއަދު 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބޭ އެއްވެސް ރަށެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޯށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި ކަރަންޓްގެ ވިއުގަ ރަނގަޅުކުރުމާއި އިންޖީނުގެތައް ރަނގަޅުކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

"މިއަދު 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާއިރު، ރައީސް ނަޝީދުގެ ސަރުކާރުގައި ޔުޓިލިޓި ކުންފުނިތަކެއް އުފައްދާ އެ ކުންފުނިތައް ހިންގަމުންދިޔައީ ރަނގަޅަކަށް ނޫން . ބައެއް ރަށްރަށުގައި ވަރަށް ދަށުފެންވަރެއްގައި އެއްވެސްކަހަލަ މެއިންޓެނެސްއެއް ނެތި ޕަވަރ ހައުސްތައް ހިންގަމުން ދިޔައީ. މިކަމުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން އުފެއްދުމަށްފަހުގައިވެސް ރަނގަޅު ޖަނެރޭޓަރާއި ޕަވަރހައުސްތައް ނެތުމުން 24 ގަޑިއިރު ކަރަންޓް އޭރު ނުލިބުނީ."

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމިގެ ކުރިން ރާއްޖެގައި ޤާއިމުކުރެވިފައި އޮތީ އެންމެ 2 މެގަ ވޮޓްގެ ޢިޢާދަކުރަނިވި ހަކަތަ ކަމަށާ، އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މިހާތރަނަށް 9 މެގަވޮޓްގެ ޢިޢާދަ ކުރަނިވި ހަކަތައިގެ ވަސީލަތް ޤާއިމުކޮށް ޚިދުމަތްދެމުންދާއިރު މިހާރުވެސް އިތުރު 5 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މުޅިއެކު 14 މެގަ ވޮޓުގެ އިޔާދަކުރަނިވި ހަކަތަ މި ފަސް އަހަރަދުވަހުގެ ތެރޭގައި ޤާއިމުކޮށްފި. މިވެސް ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް."

މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 24 ގަޑިއިރުގެ ކަރަންޓު ފޯރުކޮށްދިނުމުގެ އަމާޒަށް ވާޞިލްވެވުމާއެކު މިދާއިރާއިން މިހާރު ސަރުކާރުގެ އަމާޒަކީ ސާފު ހަކަތައިގެ ދާއިރާ ފުޅާކުރުމެވެ.
އެގޮތުން 2019 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރާ މިމަޝްރުޢު މުޅިން ނިމުމުން ރާއްޖޭގައި ބޭނުންކުރާ އިޢާދަކުރަނިވި ހަކަތައިގެ ނިސްބަތް 30 މެގަވޮޓަށް އިތުރުވާނެއެވެ. މި މަޝްރޫޢުގެ ސަބަބުން ތެލަށްކުރާ ޚަރަދުން ގާތްގަނޑަކަށް 137 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.