ޚަބަރު

ދެރަށެއްގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފި


އއ.ރަސްދޫ ފެނުގެ ނިޒާމާއި އެއަތޮޅު ތޮއްޑޫ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފިއެވެ.

އއ.ރަސްދޫ ފެނުގެ ނިޒާމަކީ ދައުލަތުގެ ބަޖެޓުން އަށާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޑަބްލިއުއެސްސީއާއި މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ އެއްއަހަރު ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ ގޮތަށެވެ. ރަސްދޫގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ ތެރެއިން އެންމެ ޒަމާނީ އާރްއޯ ޕްލާންޓެއް ޤާއިމުކުރާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މިދެ މަޝްރޫޢު އެމްޑަބްލިއުއެސްސީއާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށާ މަޝްރޫޢެއްކަމަށެވެ. އަދި މިދެރަށުގެ ކައުންސިލާއި ރައްޔިތުން މިމަސައްކަތްކުރުމަށް އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އިލްތިމާސްކުރައްވާފައެވެ.

އަޑު:" ރައްޔިތުން އެތައް ދުވަހެއް ވަންދެން ބޭނުންވެފައި އޮތްކަމެއް މިއީ. ރައްކާތެރިފެނުގެ ނިޒާމް. އެރަށަކީ ތޮށްޖެހިފައިވާ ރަށަކަށްވެފައި ޓޫރިޒަމްގެ މަސައްކަތްވަރަށް ބާރަށް ކުރިއަށްދާ ރަށަކަށްވެފައި މިމަސައްކަތް ކޮށްނިމޭއިރު އަޅުގަނޑު ޤަބޫލުކުރަނީ ރަށުގެ ރައްޔިތުންނަށް ރައްކާތެރި ފެނުގެ ނިޒާމަކާއި ޢާމްދަނީ ހޯދުމަށް ގެސްޓް ހައުސް މަސައްކަތްވެސް އިތުރަށް ތަރައްޤީވެގެންދާނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މީގެ ކުރިންވެސް އެކުންފުނީގެ ޢާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ރަށްރަށުގައި މިފަދަ މަޝްރޫޢުތައް ހިންގާފައިވާނެކަމަށެވެ. އަދި ކުރިއަށް އޮތް ސާޅީސް އަށްގަޑިއިރުގެ ތެރޭގައި މި މަޝްރޫޢޫގެ ޢަމަލީ މަސައްކަތް ދެރަށުގައިވެސް ފަށާނެކަމުގެ ޔަގީންކަން ފަޒުލްވަނީ ދެއްވާފައެވެ .
އަޑު: " ތޮއްޑޫގެ ރައްޔިތުންނަށް އޮންނަންވި ޔަގީންކަމަކީ އެމްޑަބްލިއުއެސްސީ އިން މިމަސައްކަތާއި ޙަވާލު ވެގެން ކުރިއަށްގެންދާ އިރު ފަސްޖެހުމެއްނެތި ތިބޭފުޅުންގެ ޚިދުމަތުގައި އަޅުގަނޑުމެންގެ މުވައްޒަފުން ތިބޭނެކަން. އަދި ރަސްދޫ ރައްޔިތުންވެސް ޤަބޫލުކުރަންވީ އަޅުގަނޑުމެން ޙަވާލުވެވެގެން ކުރާ ކޮންމެ މަސައްކަތަކީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް ނިންމާނެކަން. 'އީ.އައި.އޭ"ވެސް ހެދިފައި އޮތުމާއެކު ކުރިއަށް އޮތް 48 ގަޑި އިރުގެ ތެރޭގައި ރަސްދޫއަށް އަޅުގަނޑުމެން އަރާނަން." ފަޒުލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޚަލީލު ވިދާޅުވީ ރައީސް އަރިހުގައި މިކަމަށް އެދުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ފެށުމުން ރައީސް ޔާމީންގެ ޤާބިލްކަން ރައްޔިތުންނަށް ހާމަވެގެންދާކަމަށެވެ.

"އެމަނިކުފާނު އއ. އަތޮޅަށް ކުރެއްވި ދަތުރުގައި ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި 3 ރަށަކުން ވިދާޅުވި ކަންތައްތައް ކޮށްދެއްވާތީ އެންގިގެން މިދަނީ ރަސްދޫ ޕްރޮޖެކްޓާއި ތޮއްޑޫ ޕްރޮޖެކްޓް ސޮއިކުރުމުން އެނގިގެން ދަނީ ރައީސް ޔާމީންގެ ސްޕީޑް. އަދި އޭގެ އިތުރުން ހުރިހާ ރައްޔިތުންނަށް ވެސް މިހާރު އިނގޭނެ ރައީސް ޔާމީން ވަޢުދުފުޅެއްވެއްޖިއްޔާ ފުއްދަވާދެއްވާނެކަން." ޚަލީލް ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރަޢްޖޭގެ އަށްޑިހަ ނުވަ ރަށުގައި ނަރުދަމާގެ މަޝްރޫޢުތައް ހިންގާފައިވާއިރު މީގެ ތެރެއިން ގިނަ ރަށްރަށުގެ މަސައްކަތްތައް ނިމި މިހާރުވަނީ ބޭނުންކުރަން ފަށާފައެވެ.