ޚަބަރު

ސިނަމާލެ، މާލެހިޔާ އަދި ވިލިމާލޭ ފްލެޓްތައް މަރާމާތުކުރަން ފަށައިފި


ސިނަމާލެއާއި މާލޭހިޔާ އަދި ވިލިމާލޭ ފްލެޓްތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީއިން ފަށައިފިއެވެ. އެގޮތުން ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބެލެއްޓުމަށް ކެމެރާ ހަރުކުރުމާއި، ފްލެޓްތަކުގައި ކުލަލުމުގެ މަސައްކަތްވަނީ މިއަދު ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަޙްމަދު ފަޒާލް ވިދާޅުވީ، ސިނަމާލެ، މާލޭހިޔާ އަދި ވިލިމާލޭގައި ހުރި ހައުސިންގ ޔުނިޓްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. މީގެ އިތުރުން ފްލެޓްތަކުގައި ކެމެރާ ހަރުކޮށް، ސެކުއުރިޓީ ބެހެއްޓުމަށް ޚާއްޞަ އޮފީހެއް ހެދުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒާލް ވިދާޅުވީ މާލެއާއި ވިލިމާލޭ ފްލެޓްތަކުގައި 50 ސެކިއުރިޓީ ކެމެރާ ހަރުކުރާނެކަމަށާއި، ކުލަލުމުގެ މަސައްކަތްވެސް 3 ހަފްތާ ތެރޭގައި ނިންމާނެކަމަށެވެ. މީގެއިތުރުން ހަލާކުވެފައިވާ ލިފްޓްތައްވެސް މަރާމާތުކޮށް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށް އޭނާ ވިދަޅުވިއެވެ.

ސިނަމާލެ، މާލޭހިޔާ އަދި ވިލިމާލޭ ފްލެޓްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވަނީ ސިޓީ ކައުންސިލުން ފްލެޓްތައް ބެލެއްޓުމުގައި އިހުމާލުވެފައިވާތީއެވެ. ހައުސިންގ މިނިސްޓްރީގެ ބެލުމުގެދަށަށް ފްލެޓްތައް ގެނައިރު ފްލެޓްތަކުގެ ޙާލަތު ވަރަށް ދަށްވެފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ކުނި މެނޭޖުކުރެވޭނެ ރަނގަޅު ނިޒާމެއް ފްލެޓްތަކުގައި ނެތްކަމާއި، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އިމާރާތް ބާވެ ހަލާކުވެފައިވުމާއި، ފެންލީކުވުން ފަދަ މައްސަލަތަކާއި، ލިފްޓް ހަލާކުވެ ބޭނުންނުކުރެވުމުގެ ޝަކުވާތައް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ދިޔައީ ކުރަމުންނެވެ.

މީގެ އިތުރުން ސިޓީކައުންސިލުންވަނީ ފްލެޓްތަކުގައި ދިރިއުލޭ ފަރާތްތަކުގެ ތެރެއިން އެކިސަބުތަކާހުރެ ކުލި ނުދެއްކައްކައިހުރި ފަރާތްތަތައް، 3 މަސްތެރޭގައި ބޮޑެތި އަދަދުތަކުން ކުލި ދެއްކުމަށް އަންގާފައެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީއިން ފްލެޓްތަކާ ހަވާލުވެ ފަސޭހަ އިންތިޒާމެއްގެދަށުން ކުލި ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށްވަނީ ބުނެފައެވެ.