ޚަބަރު

ރައީސާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަ ހުށަހެޅީ ވޯޓަށް ނުފޫޒު ފޯރުވަން - ތަރުޖަމާނު


ރިޔާސީ އިންތިޚާބު ކައިރިވެފައިވަނިކޮށް ރައީސް ޔާމީނާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހެޅުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުންކަމަށް ރައީސުލްޖުމްހޫރިޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު ޢަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވެފައިވަނިކޮށް ރައީސް ޔާމީނަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަމަށް ދައްކަން އެމްޑީޕީގެ ޗެއަރޕާރސަން ނޫސްވެރިންގެ ބައްދަލުވުމެއްބާއްވައި، ރައީސް ޔާމީނަކީ ކޮރަޕްޓް ބޭފުޅެއްކަމަށް ދައްކަން މިކަން އޭސީސީއަށް ހުށަހަޅާފައިވަނީ ވޯޓަށް ނުބައި ނުފޫޒު ފޯރުވަންކަމަށް ދެކޭކަމަށެވެ.

އަދި މިކަމަކީ ސިޔާސީގޮތުން ދައްކާ ވާހަކަތަކާއި އަބުރާ ބެހުމަށްވުރެ ސީރިއަސް ޢަމަލެއްކަމަށާއި، މިއީ ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަށް ކޮށްފައިވާކަމެއް ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމްޑީޕީން 3 ސެޕްޓެމްބަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެކަން އޭސީސީއަށް ހުށަހެޅިކަމަށްބުނެ މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްޔާމީންގެ ޒާތީ އަދި އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެފައިވާތީ އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން އަބުރުގެ ދައުވާކުރުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައެވެ.