ޚަބަރު

ރައީސްގެ އަބުރާބެހިފައިވާތީ އެމްޑީޕީއާއި ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާކުރުމަށް ނިންމައިފި


ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ޙައްޤުތަކާއި، ޒާތީ ޙައްޤުތަކަށް އަރައިގަނެފައިވާތީ އެމްޑީޕީއާއި ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ޓީމްގެ ފަރާތުން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ލީގަލްޓީމުގެ މެމްބަރު އާމިނަތު ނަސްރީނާ ވިދާޅުވީ އެމްޑީޕީއާއި ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ނިންމީ 3 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުނުހިފޭ ބޮޑެތި ތުހުމަތުތަކެއްކޮށް އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތަކާއި، ޒާތީ ޙައްޤުތަކަށް އަރައިގަނެފައިވާތީކަމަށެވެ.

އެގޮތުން އެމްޑީޕީގެ މައްޗަށާއި، އެޕާޓީން 3 ސެޕްޓެމްބަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި މީހުންގެ މައްޗަށް އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަދަނީ ދައުވާކުރުމަށް ނިންމައި، އަބުރުރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެދަށުން މިކަމުގެ ޖިނާއީ ތަޙްޤީޤެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނެޏެވެ.

އަދި އެމްޑީޕީން 3 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާތީ، ރާއްޖެޓީވީގެ މައްޗަށް އަބުރާބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމަށާއި، މިކަމާ ގުޅިގެން ރާއްޖެޓީވީގެ މައްޗަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނެއެވެ.

މީގެ އިތުރުން އެމްޑީޕީން 3 ސެޕްޓެމްބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެފައިވާތީ، އެމްޑީޕީގެ މައްޗަށާއި މިނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވިމީހުންނާމެދު ފިޔަވަޅުއެޅުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި ރައީސްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެފައިވާތީ ރާއްޖެޓީވީގެ މައްޗަށްވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން މަދަނީ ދައުވާކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުންޏެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނީ މިކަމާގުޅޭ އިތުރު މައުލޫމާތު ކުރިއަށްއޮތް ދުވަސްތަކުގައި ޙިއްޞާކުރާނެކަމަށެވެ.