ޚަބަރު

އެމެރިކާއިން ބޭނުންވާ ގޮތަށް ދިވެހި އަސްކަރިއްޔާގެ ސައިޒު ކުޑަކުރަން އިދިކޮޅުން އެއްބަސްވެއްޖެ


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު މަދުކޮށް، ސިފައިންގެ މުއައްސަސާ އެމެރިކާއިން ބޭނުންވާގޮތަށް ބަދަލުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަން ހާމަކޮށްދޭ ސިއްރު ލިޔުންތަކެއް ޢާއްމުވެއްޖެއެވެ.

އެމްއެންޑީއެފުގެ ސައިޒު ކުޑަކޮށްލުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާކަން ހާމަވެފައިވަނީ، ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން، އެމެރިކާގެ ހާރިޖީ ވުޒާރާއަށް ފޮނުވާފައިވާ ސިއްރު ލިޔުންތަކެއްގައެވެ.

ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން، އެމެރިކާގެ ޚަރިޖީ ވުޒާރާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އެލައިސް ވެލްސްއަށް ފޮނުވާފައިވާ ސިއްރު ލިޔުންތަކުން ހާމަވާގޮތުގައި އެމެރިކާއިން ބޭނުންވާ ގޮތަށް ދިވެހި އަސްކަރިއްޔާގެ ސައިޒުކުޑަކޮށް، އަސްކަރިއްޔާ އަލުން އެކުލަވާލުމަށް އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ. އަދި މިއީ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ކަނޑުވާލުމަށް ކުރާކަމެއްކަމަށްވެސް މިލިޔުންތަކުގައިވެއެވެ.

އެމެރިކާގެ ހާރިޖީ ވުޒާރާއަށް ފޮނުވާފައިވާ ލިޔުންތަކުގައި ވާގޮތުން އެމެރިކާއިން އެދޭގޮތަށް ދިވެހި އަސްކަރިއްޔާ ބަދަލުކުރަން އެއްބަސްވާ މަތިން، އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެންނަން އެމެރިކާއިން ތާޢީދުކުރާކަމަށް މިލިޔުންތަކުން ހާމަވެއެވެ.

މިލިޔެކިއުންތަކުން އެނގޭގޮތުން އިދިކޮޅު ފަރާތްތަކާއެކު މިދިޔަ ޖެނުއަރީމަހުން ފެށިގެން އެމެރިކާގެ އޮފިޝަލުން ދިޔައީ މަޝްވަރާކުރަމުންނެވެ. އަދި އެމަޝްވަރާގައި ރައީސް ނަޝީދު އިންތިޚާބުގައި ވާދަނުކުރުމަށް އެމެރިކާއިން އެދުނުކަމަށާއި، ނަޝީދުގެ ބަދަލުގައި ޢަބްދުﷲ ޝާހިދު ނުވަތަ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ގެންނަން މަޝްވަރާކުރިކަން ހާމަވެއެވެ. ނަމަވެސް އަބްދުﷲ ޝާހިދަކީ ރައީސް މައުމޫން އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅަކަށްވާތީ އޭނާއާ މެދު އެމެރިކާއިން ނުރުހޭކަން މިލިޔުންތަކުން ހާމަވެއެވެ. އަދި އިބްރާހިމް މުހައްމަދު ސާލިހުއަކީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި މަޝްހޫރު ބޭފުޅަކަށް ވިޔަސް، އޭނާގެ ޞިއްޙީ ޙާލަތާ މެދު ކަންބޮޑުވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ. މިގޮތުން ސިކުނޑީގެ ނާރުތަކަށް ޖެހޭ ބައްޔެއްގެ ނިޝާންތައް އިބްރާހިމް މުހައްމަދު ސާލިހުގެ ކިބައިގައި ހުރިކަން އެމެރިކާއިން ފާހަގަކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭ ބޭސް ފަރުވާއަށް އޭނާ ފަރުވާ ކުޑަކުރާކަމަށާއި ނަމަވެސް އާއްމުންނަށް އޭނާގެ ކިބައިގައި ބައްޔެއް ހުރިކަން ފާހަގަވާނީ 15 ވަރަކަށް މަސްދުވަސް ފަހުންކަމަށްވެސް ސިއްރު ލިޔުންތަކުގައިވެއެވެ.

އިދިކޮޅު ފަރާތްތަކާއެކު އެމެރިކާއިން ބޭއްވި މަޝްވަރާތަކުގެ ސިއްރު ލިޔުންތައް އެމެރިކާގެ ހާރިޖީ ވުޒާރާގެ ތެރެއިން ލީކުވެފައިވާއިރު، ސްޓީލިންގ ޕެރެޑައިސް ފިލްމު ހެދި ވިލް ޖޯރޑަންވެސް ވަނީ މިއީ ސައްހަ ލިޔުންތަކެއްކަމަށް ވަނީ ބުނެފައެވެ.