ޚަބަރު

މެމްބަރު ފަޒާދު ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދު ޕީޕީއެމުން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވީ ފުވައްމުލަކު މެދުދާއިރާގެ މެމްބަރ ޢަލީ ފަޒާދު ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޤަވާއިދާ ޚިލާފުވެފައިވާތީކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި މެމްބަރު ޢަލީ ފަޒާދު ބައިވެރިވެފައިވުމުން އޭނާއާމެދު ފިޔަވަޅުއަޅަން ހުށަހެޅީކަމަށް ނިހާން ވިދާޅުވިއެވެ. އެގޮތުން ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުތަކާ ޢަލީ ފަޒާދު ޚިލާފުވެފައިވާތީ އެކަން އޭނާއަށް އެކި ފަހަރުމަތިން ހަނދާންކޮއްދީފައިވާކަން ނިހާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެންޓި ޑިފެކްޝަން ޤާނޫނާއި، ސުޕްރީމް ކޯޓުން ނިންމާފައިވާގޮތުގެ މަތިން މެމްބަރު ފަޒާދު ޕީޕީއެމުން ވަކި ކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އޭނާ ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުންއެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވުމަށް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިޚާބުވިއިރު ހުރި ޕާޓީން ވަކިކޮށް އެޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވައި، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އެނގުމާއެކު އެމެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެއެވެ.