ޚަބަރު

އުތުރުކޮރެއާގެ ތެޔޮ ޓޭންކަރު މައްސަލާގައި ރައީސް ޔާމީންގެ ދައުރެއް ނެތް - ފުލުހުން


ރާއްޖޭގެ ތެޔޮ ޓޭންކަރަކުން އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު މުޢާމަލާތްތަކެއް ހިންގިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ގުޅުވައި ބަޔަކު ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރ ކޮށްފައިވާކަމަށްބުނާ ތެޔޮ ޓޭންކަރަކުން އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއެކު ކަނޑުމަތިން މުޢާމަލާތްތަކެއް ހިންގިކަމަށް ތުހުމަތުކޮށް ދައްކަމުން ވާހަކައާއި ރައީސުލްޖުމްހޫރިއްޔާއާ ގުޅުންހުރިކަމަށްބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ފުޅާ ދާއިރާއެއްގައި މި މައްސަލައިގެ ތަޙްޤީޤްކޮށްނިންމައި ޝަރީއަތުގެ ދެ އަޑުއެހުމެއް ބާއްވާފައިވާއިރު، މިހާތަނަށް ތަޙުޤީޤަށް މަޢުލޫމާތު ދިން އެއްވެސް ފަރާތަކުންވެސް އަދި ފުލުހުން ކުރި އެއްވެސް ތަޙްޤީޤުތަކުންވެސް މިކަމާއި ރައީސް ޔާމީނާ ގުޅުންހުރިކަމުގެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ލިބިފައި ނުވާކަމަށް ޝިފާން ވިދާޅުވިއެވެ.

ޤައުމީ ސަލާމަތާ ގުޅުންހުރި މިފަދަ ބޮޑެތި މައްސަލަތަކާގުޅޭގޮތުން ސާބިތުނުހިފޭ ދޮގު މައުލޫމާތު ފެތުރުމަށާއި، ދިވެހި ފުލުހުންނަށް ނިސްބަތްކޮށް ދޮގު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޤައުމުގެ ހަމަޖެހުމާއި އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ދިވެހި ފުލުހުން ސާބިތުކަމާއެކު ތިބޭނެކަމުގެ ޔަޤީންކަންވެސް ފުލުހުން ވަނީ ދީފައެވެ.