ޚަބަރު

ޑރ.އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭގޮތުން ޝައިޚް އިލްޔާސް ހެއްދެވީ އިތުރުފުޅު - ފުލުހުން


ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ޕޯޑިއަމެއްގައި އައްޝައިޚް އިލްޔާސް ޙުސައިން ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ދޮގުވާހަކަތަކެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ޙާދިސާއާއި ގުޅުވައިގެން ޝައިޚް އިލްޔާސް ދައްކަވާފައިވާ ވާހަކަތަކީ ޙަޤީގަތް އޮޅި ފިތުނަފަސާދައަށް މަގުފަހިވާގޮތަށް ދައްކަވާފައިވާ ވާހަކަތަކެއްކަމަށް ބެލެވޭތީ، އޭނާ ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާފައި ވާނެކަމަށެވެ.

އަދި ޝައިޚް އިލްޔާސް ދައްކަވާފައިވާ ވާހަކަތަކަކީ މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައިވެސް ވާ ވާހަކަތަކެއްނޫންކަމަށް ޝިފާން ވިދާޅުވިއެވެ. ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން، އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ޝެއިހް އިލްޔާސަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާއިރު، އިދިކޮޅު އެމްޑީޕީން ދާދިފަހުން އައްޑޫސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޝައިހް އިލްޔާސް ވަނީ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅުންހުރި 9 ޒުވާނަކު ވީނުވީއެއްނޭނގި މަރާލި ކަމަށް ތުހުމަތު ކުރެވޭ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ.

ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލަ ތަހްޤީގު ނުކުރާކަމަށް ދޭހަވާ މޭރުމަކުން ޝައިޚް އިލްޔާސް ވާހަކަފުޅުދައްކަވާފައިވާއިރު، އެއީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއްތަހްޤީޤުކަމަށް ދިވެހި ފުލުހުންވަނީ ކުރިންވެސް ހާމަކޮށްފައެވެ. އެގޮތުން އެމެރިކާގެ އެފްބީއައިގެ މާހިރުންގެ ވެސް އެހީތެރިކަމާ އެކު ރެއާ ދުވާލު މެދުކެނޑުމެއްނެތި ދެ މަސްދުވަހު ފުލުހުން މިތަހްޤީޤު ކުރިއަށްގެންދިޔައެވެ. މިމައްސަލައާ ގުޅިގެން 200 އަށްވުރެ ގިނަ ހެއްކާއި ގަރީނާ ހޯދިފައިވާކަމަށާ، 500 އަށް ވުރެ ގިނަ ގަޑިއިރުގެ ވީޑިއޯ ފޫޓޭޖް ދިރާސާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ހާމަކޮށްފައެވެ. އަދި 13،000 އަށް ވުރެ ގިނަ ފޯން ކޯލް އެނަލައިސްކޮށް، 100 އަށްވުރެ ގިނަ މީހުންނާއި ސުވާލުކޮށް މަޢުލޫމާތު ހޯދާފައި ވެއެވެ. މިއާއެކު ކުށުގެ ވެށިން މާއްދީ ހެކިނަގައި އެތަކެތި ތަޙުލީލުކޮށް، ޝަރީޢަތަށް ހުށަހެޅުމަށް އެތައް މަސައްކަތެއް ފުލުހުން ކޮށްފައިވެއެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތުގައި 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ތިން ކުއްޖަކުވެސް ހިމެނެއެވެ. މި މައްސަލައިގެ ތަޙުޤީޤުގެ ބޮޑުބައެއް 68 ދުވަސްތެރޭ ނިންމައި ޝަރީޢަތަށް ހުށަހެޅުމަށް 2012 އޮކަޓޫބަރު 12 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ 2013 ޖެނުއަރީ 20 ވަނަ ދުވަހުއެވެ.

ޑރ.އަފްރާޝީމް ޢަލީއަށް ޙަމަލަދީ މަރާލިކަމުގެ ކުށް، ހ.ލޮބީ ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވުމާއި ގުޅިގެން އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ 16 ޖެނުއަރީ 2014 ގައެވެ.
ދައުލަތުން ޙުސައިން ޙުމާމު އަޙްމަދުގެ މައްޗަށް ކޮށްފައިވަނީ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެވެ.

ތޫނުއެއްޗަކުން ޙަމަލާދީ ރަޙުމްކުޑަގޮތަކަށް، ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ފުރަތަމަދުވަހުއެވެ.