ޚަބަރު

ރިޔާސީ އިންތިޚާބު ކަވަރކުރުމަށް ބޭރުގެ 85 ފަރާތަކަށް ހުއްދަ ދީފި


ރިޔާސީ އިންތިޚާބު ކަވަރކުރުމަށް ބޭރުގެ 85 ފަރާތަކަށް ހުއްދަ ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ މީގެތެރޭގައި ހިމެނެނީ 34 މޮނިޓަރުންނާއި، 51 އޮބްޒާވަރުންކަމަށެވެ. އަކްރަމް ވިދާޅުވީ މިކަމަށް ހުއްދަ ދީފައިވަނީ ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ފަރާތްތަކަށްކަމަށެވެ.

ރިޔާސީ އިންތިޚާބު ކަވަރކުރުމަށް ބޭރުގެ 85 ފަރާތަކަށް ހުއްދަ ދީފައިވާއިރު އޭގެތެރޭގައި އިލެކްޝަންސް ކޮމިޝަނުން ދަޢުވަތުދީގެން ރާއްޖެ ގެންނަ ފަރާތްތައްވެސް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަކްރަމް ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް އަންނަ ބޭރުގެ ފަރާތްތަކުގެތެރޭގައި ދުނިޔޭގެ މަޝްހޫރު ޖަމްޢިއްޔާތަކާއި ޖަމާތްތައްވެސް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި މި ލިސްޓް ފައިނަލްވުމުން އޮބްޒާވަރުންނާއި، މޮނިޓަރުންގެ މަޢުލޫމާތު ހާމަކުރާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ބެލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮބްޒަރވަރުންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާއިވާއިރު، ދިވެހި އޮބްޒަރވަރުންނެކޭ އެއްފަދައިން ބޭރުގެ އޮބްޒަރވަރުންނަށްވެސް ކަނޑައެޅިފައިވާ ޤަވާއިދުގެ ތެރެއިން ޙަރަކާތްތެރިވުމުގެ ފުރިހަމަ މިނިވަންކަން ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބު މޮނިޓަކޮށް، އޮބްޒަރވްކުރުމުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވާ ފަރާތްތަކަށްކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނެފައިވަނީ މި ވިސާ ދޫކުރެވޭނީ އިންތިޙާބު ކަވަރކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާ ފަރާތްތަކަށް އެކަނިކަމަށާއި، ޓުއަރިސްޓް ވިސާގައި ރާއްޖެ އެތެރެވެ، އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާނަމަ އިމިގްރޭޝަންގެ ޤާނޫނުގެދަށުން އެފަރާތްތަކާމެދު ފިޔަވަޅުއަލާނެކަމަށެވެ.