ޚަބަރު

ބޭނުންވާހާ ހިނދަކު ފަލަސްޠީނު ރެފިއުޖީންގެ އަދަދު މަދުކުރުމަކީ ވާނެ ކަމެއް ނޫން: އދ


ބޭނުންވާހާ ހިނދަކު ފަލަސްޠީނު ރެފިއުޖީންގެ އަދަދު މަދުކޮށް، ބަދަލުކުރުމަކީ ކުރެވޭނޭކަމެއް ނޫންކަމަށް ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް އދން އެކުލަވާލާފައިވާ ޚާއްޞަ އިދާރާގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ. އދގެ އިދާރާގެ އިސްވެރިޔާ މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާއިން މި އިދާރާއަށް އެއްބާރުލުން ދިނުން ހުއްޓާލާނެކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިފުމާ ގުޅިގެން އަމިއްލަ ވަޒަން ގެއްލުނު އެތައް ހާސް ފަލަސްޠީނު ރެފިއުޖީންނަށް ބޭނުންވާ ޚިދުމަތްތައް ހުރަހެއް ނެތި ފޯރުކޮށްދިނުމަށް އދން އެކުލަވާލާފައިވާ ޚާއްޞަ އިދާރާއިން މިއަދު ފަލަސްޠީނުގެ ފަސް މިލިއަން މީހުން ބަލަހައްޓަމުންދެއެވެ.

މީގެ ތެރޭގައި، ފަލަސްޠީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގެ އިތުރުން ލުބުނާނާއި އުރުދުން އަދި ސޫރިޔާގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން ދަނީ އދގެ އިދާރާއިންނެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އދގެ މި އިދާރާއަށް އެންމެ ގިނަ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ޤައުމުކަމަށްވާ އެމެރިކާއިން މި އެހީން އުނިކުރާނެކަން އިއުލާނުކުރުމާއެކު، އދގެ އިދާރާގެ ދޮރުތައް ބަންދުކުރަން ޖެހިދާނެކަމުގެ ބިރު މިވަނީ ހީވެފައެވެ.

މި ކަމުގައި އެމެރިކާއިން ދައްކާ އެންމެ ބޮޑު އުޒުރަކީ އދގެ އިދާރާއިން ގެންގުޅޭ ސިޔާސަތުތަކުގެ ދެކޮޅު ނުޖެހޭ ވާހަކައެވެ. އަދި އދގެ އިދާރާއިން ބަލަމުންދާ ރެފިއުޖީންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމަކީވެސް ވާނެ ކަމެއް ނޫން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ މި ވާހަކަތަކަށް ރައްދުދެއްވާ ވާހަކަދައްކަވަމުން އދގެ އިދާރާގެ އިސްވެރިޔާ ޕިޔޭ ކްރަހެންބުލް ވިދާޅުވީ، އެމެރިކާގެ މި ވިސްނުމާ މެދު ހިތާމަކުރައްވާ ކަމަށެވެ. އަދި ފަލަސްޠީނުގެ ރެފިއުޖީންގެ އަދަދު މަދުކުރުމަށް ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް މިކަމުގައި ހުރިހާ ފަރާތަކުންވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކަކީ، އަމިއްލަ ވަޒަން ގެއްލި ނުވަތަ ވަޒަނުން ބޭރުވާން މަޖްބޫރުވެފައިވާ ފަހެއް ޕޮއިންޓް ހަތަރެއް މިލިއަން ފަލަސްޠީނު ރެފިއުޖީން އެބަތިބި ކަން ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ޢިމްލާކުރާގޮތުން، މި ފަރާތްތަކަށްވެސް ހައްޤުތަކެއް ލިބިފައިވާ ކަން ކަމަށް ކްރަހެންބުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމެރިކާއިން މިއަހަރު އދގެ އިދާރާއަށް ތިން ސަތޭކަ ފަސްދޮޅަސް ފަސް މިލިއަން ޑޮލަރުގެ އެހީ ދޭނެކަމަށް ބުނި ނަމަވެސް، އެ ޤައުމުން މިހާތަނަށް އެ އިދާރާއަށް ދީފައިވަނީ އެންމެ ފަސްދޮޅަސް މިލިއަން ޑޮލަރު ކަމަށެވެ. ގަލްފުގެ ޤައުމުތަކުން މިތަން ފޫބެއްދުމަށްޓަކައި ފައިސާ ދެމުންދާ ކަމަށް ކްރަންހެންބުލް ވިދާޅުވިއެވެ. އެހެންނަމަވެސް މިފައިސާއާއެކު ވެސް އަދިވެސް ދުއިސައްތަ މިލިއަންއަށް ވުރެ ގިނަ ޑޮލަރު އދގެ އިދާރާއަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.