ޚަބަރު

އައު ޤަވަރުނަރުގެ ސޮޔާއިއެކު ނެރުނު 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓް ބޭނުންކުރަންފަށައިފި


މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) ގެ އައު ގަވަރުނަރު އަޙްމަދު ނަޞީރުގެ ސޮޔާއިއެކު 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ބޭނުންކުރަންފަށައިފިއެވެ. މި ނޫޓުތައް އާންމުކޮށް ބޭނުންކުރަން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މި ނޫޓުތަކާއިއެކު ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ސޮއެކޮށްފައިވާ ނޫޓުތައްވެސް ބޭނުންކުރާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ރަންދިހަ ފަހެއް ނޫޓް ސީރީޒްގެ 10 ރުފިޔާ އަދި 100 ރުފިޔާގެ އައު ނޫޓު ޤަވަރުނަރު އަޙްމަދު ނަޞީރުގެ ސޮޔާއިއެކު ނެރުނީ މިދެރުފިޔާގެ ސްޓޮކް މަދުވުމުންކަމަށެވެ. މިއީ ގަވަރުނަރު އަޙްމަދު ނަޞީރުގެ ސޮޔާއިއެކު ނެރުނު ފުރަތަމަ ނޫޓުތަކެވެ.

އަލަށް ޗާޕްކުރި 10 ރުފިޔާ އަދި 100 ރުފިޔާގެ ނޫޓު ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި 5 ޖުލައި 2018 ގައި ވަނީ ރައްކާކުރެވިފައެވެ. މި ދެ ނޫޓުގައިވާ ތާރީޚަކީ 10 މާރިޗު 2018، 22 ޖުމާދަލްއާޚިރާ 1439 އެވެ.

ރަންދިހަ ފަހެއްގެ އައު ނޫޓްސީރީޒް ބޭނުންކުރަން ފަށާފައިވަނީ، 26 ޖަނަވަރީ 2016 ވަނަދުވަހުގައެވެ. މިއީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.