ޚަބަރު

އދ.މާމިގިލީ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސް ޔާމީން އިފްތިތާޙްކޮށްދެއްވައިފި


އދ.މާމިގިލީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމައި އެ ޚިދުމަތް ރަައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙްކޮށްފިއެވެ.

މާމިގިލީ ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިއަތޮޅު އުތުރުބުރި އަދި އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައެވެ. ރައީސް ޔާމީން މާމިގިއްޔަށް ވަޑައިގަތުމުން އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ އާއްމުންވަނީ ބަނދަރު ސަރަޙައްދަށް ނިކުމެ، އެމަނިކުފާނަށް މަރުޙަބާ ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މާމިގިލީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ރިބަން ކަނޑުއްވައިދެއްވައިފައެވެ.

އެންމެންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޔަޤީންކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެެރެއިން އދ.މާމިގިލީ ނަރުދަމާ ނިޒާމަކީ ދަޢުލަތުގެ ބަޖެޓުން 69.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުުގެ ދަށުން މާމިގިލީގައި 5 ޕަމްޕް ސްޓޭޝަން ބަހައްޓާ، 91 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއްވަނީ ޤާއިމުކޮށްފައެވެ. އަދި އެރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށްޓަކާ 300 މީޓަރުގެ އައުޓްފޯލް ހޮޅިވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން މާމިގިލީގެ 460 ގެއަކަށް ނަރުދަމާ ވިއުގަރ ގުޅާ ނިންމާފައިވާއިރު، މި ނިޒާމުގެ ޚިދުމަތް އެރަށުގެ ކައުންސިލުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ރައީސް ޔާމީން އދ. މާމިގިލީ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވުމަށް ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، އެމަނިކުފާނުގެ ދެވަނަ ދަޢުރެއްގައި ކޮށްދެއްވާނެ ކަންތައްތަކާއި، އެމަނިކުފާނުގެ ތަރައްޤީގެ ތަޞައްވުރު މާމިގިލީގެ ރައްޔިތުންނަށް އޮޅުން ފިލުއްވައިދެއްވާފައެވެ. އަދި މާމިގިލީގެ ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

ރައީސް ޔާމީން އަރިއަތޮޅު އުތުރުބުރި އަދި އަރިއަތޮޅު ދެކުނު ބުރީގެ ބައެއް ރަށްތަކަށް ފަށްޓަވާފައިވާ މި ދަތުރުފުޅުގެ ތެރެއިން، މާމިގިލީގެ ނަރުދަމާ ނިޒާމުގެ އިތުރުން، އދ. ދަނގެތީ ބަނދަރާއި ފެނުގެ މަޝްރޫޢު އަދި އދ. މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫޢު ނިންމާ، އެ މަޝްރޫޢުތައް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.