ރާއްޖެއަށް އަސްކަރީ ގޮތުން އަރައިގަތުމަށް ރައީސް ނަޝީދު ފަދަ ބޭފުޅަކު ގޮވާލުމަކީ ޤައުމު ނާޒުކު ހާލަތަކަށް ވައްޓާލުންކަމަށާއި، އެކަމުގެ ސަބަބުން ހަނގުރާމައެއްގެ ތެރެއަށް ރާއްޖެ ވެއްޓިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސް އިން ގެނެސްދޭ އެންމެ ފުރަތަމަ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އާޒިމާ ޝާކޫރު ވިދާޅުވީ، ރައީސް ނަޝީދަށް ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޙުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ކޯޓެއްގެ ފަނޑިޔާރަކު ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުމުންކަމަށާއި، އެކި ގޮތްގޮތުން ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އެޙުކުމުން ބަރިއްޔަވުމަށް ނަޝީދު މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާ އިޤްތިސާދީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތި ކުރުވުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ދެން ނަޝީދު މަސައްކަތްކުރެއްވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުގެ މަސައްކަތްކަމަށް އާޒިމާ ވިދާޅުވިއެވެ. މިއިން އެއްވެސް ކަމެއް ކާމިޔާބު ނުވުމުން އަސްކަރީ ގޮތުން ރާއްޖެއަށް އަރައިގަތުމަށް ގޮވާލުމަކީ، ނަޝީދު ފަދަ ޤައުމުގައި ސިޔާސީ ގޮތުން ތާއީދު އޮތް ބޭފުޅަކު އެފަދަ ކަމަކަށް އެހީތެރިވެދިނުމަށް ތައްޔާރަށް ހުރިކަން ހާމަވާކަމެއްގެ ގޮތުގައި އާޒިމާ ވަނީ ސިިފަކުރައްްވާފައެވެ.
"އަސްލުގައި އެއެދުން ނެތްކަމުގަ ވަންޏާ ނޫނިއްޔާ އެހީތެރިކަން ނުދޭނެކަމަށްވަންޏާ އެކަމަށް ގޮވާލުމުގެ ސެންސެއް މޭކެއް ނުކުރޭ. އެހެންވީމަ އެވަރުގެ މަޤާމެއް އެވަރުގެ ފުރުސަތެއް އޮތް ބޭފުޅަކަށް، ސިޔާސީ އެވަރުގެ ބެކިންގ އޮތް މީހަކު މިހެން ގޮވާލައިފިއްޔާ އޭގެ މައްޗަށް މީހުން އެކްޓް ކުރާނެ އަސްލު، އޭގެ މައްޗަށް ވިސްނާނެ. އަދި އެއާއެކު ރާއްޖެ މިހާރު މިއޮތް ސަރަހައްދުގެ ގޮތުން، އަދި ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގެ ބަދަލުވެގެން މިދާ ގޮތަށް ބަލައިފި ކަމަށްވާނަމަ އެގޮތަށް ގޮވާލީމަ އަސްލު ރާއްޖެ ވަލްނަރަބަލްވޭ ހަޤީގަތުގައި އެގޮތަށް އިންޑިއާކަނޑުގެ މިބައްރުގެ ތެރޭގައި އެއްބަޔަކަށް ގޮވާލާއިރަށް އޭގަ ކޮމްޕީޓުކުރާ އަނެއް ބާރުތަކުން އެކަމާދޭތެރޭ ކަންވޮޑުވުން ފާޅުކުރާނެ. އެހެންވީމަ ރާއްޖެ ވަރުގެ ކުޑަ ކުޑަ ޤައުމެއް އަސްލު މިވަދެވެނީ މުޅި ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގަވެސް ބާރުތަކުގެ ހަނގުރާމައިގެ ތެރެއަށް" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ރާއްޖެއަށް އަރައިގަތުމަށް ގޮވާލުމަކީ ދިވެހި ޤައުމަށް ދިމާވެދާނެ ވަރަށް ނުރައްކާ ކަމެއް ކަމަށާއި، ރާއްޖެއަކީ އަސްކަރީގޮތުންވެސް އަދި އިޤްތިސާދީ ޤޮތުންވެސް ދުނިޔޭގެ މައިދާނުގައި މިހެން ދިމާވެދާނެކަމަކާ ކުރިމަތިލެވޭނެ ވަރުގެ ޤައުމެއް ނޫންކަމަށެވެ.
އާޒިމާ ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރަން މަސައްކަތް ކުރުމުންވެސް ރާއްޖެއާ ދެކޮޅަށް ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރިކަމަށާއި، މިއީވެސް މި ސަރުކާރަށްވުރެ ބޮޑަށް ޤައުމާދެކޮޅަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި ފާހަގަވެގެންދިޔަކަމަށެވެ.
"ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަކީ 2019 ގެ ފެބްރުއަރީން ފެށިގެން ހުޅުވާލެވޭ ސީޓެއް ދެއްތޯ. އެހެންވީމަ އެސީޓަށް 2018 ގެ ސެޕްޓޭމްބަރުގައި ރަށްޔިތުން ގޮތް ނިންމާނެ އިންތިޚާބެއް އޮއްވާ މިކަމާއި ދެކޮޅަށް މަސައްކަތް ކުރީމަ އެބަ ޤަބޫލުކުރަންޖެހޭ މީކީ ކޮންމެހެން ސަރުކާރާއި ދެކޮޅަށް ކުރި ކަމެއް ނޫންކަން. އެހެންވީމަ މިދެންނެވިހެން މިއިން ކޮންމެ ހާލަތެއްގައި އަސްލުގައި ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ގޮނޑީގެ މައްސަލައަކީ ވަރަށް ތިލަވެގެންއައި މައްސަލައެއް ކާކަށްތޯ މީގެން ފައިދާވީ، ހަމަގައިމުވެސް ރާއްޖެއަކަށް ފައިދާއެއް ނުކުރޭ. އެހެންވިއްޔާ ސިޔާސީ ޕާޓީއަކަސްވެސް ފައިދާ ނުކުރާނެތާ" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ، ޤައުމުގެ ސަލާމަތާއި، ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ދެކޮޅަށް މަސައްކަތްކުރުމަށްފަހު ސިޔާސީ ގޮތުން ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ ބަޔަކު މިހާތަނަށް އެއްވެސް ޤައުމަކުން ދެކެފައި ނުވާކަމަށެވެ.