ޚަބަރު

އެމް.އެމް.އައިއާއި ލިމްކޮކްވިންގ ޔުނިވަރސިޓީ ގުޅިގެން ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފި


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އެމް.އެމް.އައިއާއި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ ގުޅިގެން އެމް.އެމް.އައިގައި ފަހަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ. އެމްއެމްއައިގައި އަލަށް ފެށި މިކޯހުގައި ސައުވީސް ފަރާތަކުން ބައިވެރިވެފައިވެއެވެ.

އެމްއެމްއައިގެ ޕްރޮގްރާމްސް ކޯޑިނޭޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ކޯހުގެ ހުރިހާ މޮޑިއުލްތަކަކީވެސް ލިމްކޮކްވިންގް ޔުނިވަރސިޓީއިން ފަރުމާކޮށްފައިވާ މޮޑިއުލްތަކެއްކަމަށެވެ. އަދި މި ކޯސް ފަރުމާކޮށްފައިވަނީ ދިވެހިން ހެދުން އަޅާ ގޮތްތަކަށް ބަލައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޢާއްމުކޮށް ކުރިއަށްގެންދާ ފަހާ ކޯސްތަކާ ޚިލާފަށް މި ކޯހުގައި ތިއަރީ ބައިވެސް ހިމަނާފައިވާކަމަށެވެ.

"ކޯހުގައި ކެޝުއަލް ވެއަރ މޭކިންގް، ޓްރެޑިޝަނަލް ޑްރެސް، ނައިޓް ޑްރެސް، ޗިލްޑްރަންސް ޑްރެސް، މެޓަރނިޓީ އަދި ހޭންޑްމޭޑް އެމްބްރޮއިޑަރީވެސް ކިޔަވައިދޭނެ. ކޯހުގައި ކިޔަވައިދެނީ ދިވެހިން، ނަމަވެސް ބޭރުގެ ގެސްޓް ލެކްޗަރާއިންވެސް ގެންނާނަން. ކޯހަށް ބޭނުންވާ ހުރިހާ މެޓީރިއަލެއްދޭނީ އެމްއެމްއައިއިން." ޝަރީފް ވިދާޅުވިއެވެ.

ސެޓްފިކެޓް ލެވެލް ތިނެއްގެ މި ކޯހުގައި 6 މޮޑިއުލް ހިމެނެއެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެޕްރޫވްކޮށްފައިވާ ލެވެލް ތިނެއްގެ ކޯހެކެވެ.