ޚަބަރު

ޅޮސް އުނދޯއްޔަކަށް ލައިގެން ދިވެހިންނެއް އަބަދަކު ނުހެއްލޭނެ - ރައީސް


ދިވެހި ރައްޔިތުން ޅޮސް އުނދޯއްޔަކަށް ލައިގެން އަބަދު ނުހެއްލޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ އެއްވެސް ވާހަކައެއް މިއަދު ދިވެހި ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު އިދިކޮޅު ފަރާޓްތަކުން ދައްކާ ކޮންމެ ވާހަކައަކަށް ދިވެހި ރައްޔިތުން ރައްދު ދޭނެ ކަމަށެވެ. އަދި މިއަދު އެކަން އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް ޤަބޫލުކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ މީގެ ދިހަވަރަކަށް އަހަރު ކުރިން ރައީސް މަޢުމޫންގެ ވެރިކަން ނިންމުމަށް އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައަކަށް ރައްދު ދޭނެ ބަޔަކު ނެތް ކަމަށެވެ.

"އެކަމަކު މާތް ކަލާކޯ. އަޅުގަނޑުމެން ނުނަންގަވާ ސަމާސަ ބަޔަކަށް. އެބޭފުޅުން ދައްކަވާ ކޮންމެ ވާހަކައަކަށް އަޅުގަނޑުމެން ރައްދު ދޭނަން. އެއީ އަޅުގަނޑުމެންނަށް ރައްދު ދެވެން އޮތީމަ. އެބޭފުޅުންނަކަށް ތަރައްޤީއެއް ނުގެނެވުނު ރާއްޖެއަކަށް. އެބޭފުޅުންނަށް ރާއްޖޭގެ އިސްލާމްދީނަކަށް ކަމޭ ނުހިތެވުނު. އެބޭފުޅުންނަށް އަދުލު އިންސާފެއް ޤާއިމެއް ނުކުރެވުނު. އެބޭފުޅުންނަށް މީހުންގެ ޙައްޤުތަކަށް އަރައި ނުގަނެ ނުތިބެވުނު. އެބޭފުޅުންނަށް ޖަލުތައް ފުރާލުން ނޫން ކަމެއް ނުކުރެވުނު. އެބޭފުޅުންނަށް ތަންތަން އެންދުން ނޫން ކަމެއް ނުކުރެވުނު،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ ކެމްޕެއިން ޙަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން އިދިކޮޅު ކެންޑިޑޭޓުގެ އިސްތިޤުބާލުގައި ތުއްތު ކުދިން ސިޔާސީ ކުލަތަކުން ޖަރީކޮށްގެން ނެރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންވެސް އެދޭ ކަމަކީ ސިޔާސީ މަސައްކަތްތައް ތުއްތު ކުދިންނަށް ނުބައްސާށޭ. މިއީ އެމީހުންގެ ދައުރު އޮތް ކަމެއް ނޫނޭ. އެކަމަކު އެކަން ކުރައްވަންޏާވެސް އަޅުގަނޑު ދަންނަވާލަން މިއަދު ކުޑަކުދިން އެއްކޮށްފައި ވޯޓުލިއަސް އެމީހުން ޔާމީންބެ ނޫން މީހަކު ނުދަންނާނެ. އެހެންވީމަ ދެއްތޯ އަޅުގަނޑާ ސަލާމްކުރާ ސަފުތަކުން ބައެއް ކުދިން އަޅުގަނޑު އަތަށް ކުރާހަލާފައި އެދެނީ ރައީސް މި ބަލާލައްޗޭ. ބަލައިލާއިރު މި އޮންނަނީ އެއަރޕޯޓެއް އެތައް ބައިވަރު މަތިންދާ ބޯޓެއް ޖައްސާފައި މިއޮންނަނީ. އެކުދިންނަށްވެސް އެބަ އުއްމީދުތަކެއް ލިބޭ. އެކުދިންނަށްވެސް އެބަ އިނގޭ ރައީސް ޔާމީން އައިސް ކަންތައްތަކެއް ކޮށްދޭކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު ދިވެހި ރައްޔިތުން ހަނދާން ކުރަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ޖީއެމްއާރް މަތިން ދިވެހިން ހަނދާން ނެތިގެން ނުވާނެ ކަމަށާއި އެ ވާހަކަތައް މިއަދު ދިވެހިން ނުދައްކާ ތިބުމުގެ އެއްވެސް މާނައެއް ވެސް ނެތް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަނިޔާވެރިކަމުގެ ވާހަކަތައް ދައްކާއިރު ހަފްތާއަކު ބާރަ ފަހަރު ކޯޓު އަމުރެއް ނެތި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ހައްޔަރު ކުރެވުނުއިރު އެއީ އަނިޔާވެރިކަން ނޫންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.

"އެކަމަކު އެ އޮޑީގައި މިއަދު ޖަމީލް އިންނަވާއިރު ހަމަ ޖަމީލަށް އެމީހުންވެސް ކުރީގައި ކީ ލަޤަބުލާފައި ނޫނިއްޔާ ނުކިޔާނެ. އަޅުގަނޑުމެން ހަނދާނުގައި ނެތީ ދެއްތޯ. ރައީސް މަޢުމޫނަށް އެމީހުން ލަޤަބެއް ނުލާ ކިޔާފާނެތޯ. ނުކިޔާނެ. އަޅުގަނޑުމެންގެ ސިޔާސީ މީހުންނޭ މިއުޅެނީ ކަންކަން އޮޅިގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޤައުމުގެ ސިޔާސީ ކަންކަމަށް އަންނަ ބޮޑެތި ބަދަލުތައް ޒުވާނުން ވިސްނަންޖެހޭ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދުވަސް ކައިރިވާ ވަރަކަށް ހަދިޔާތައް ބަހަން ފަށާނެ ކަމަށާއި އެފަދަ ކަންކަމަށްވެސް ދިވެހިން ވިސްނަންޖެހޭނެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި އެއިން ހަދިޔާއެއްގައި ހިފުމުގެ ސަބަބުން ތިމާގެ މުސްތަޤުބަލާއި ޤައުމުގެ މުސްތަޤުބަލު އޮޔާ ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.