ޚަބަރު

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އޮޕަރޭޝަން ބްލޫ ވޭވް ރަސްމީކޮށް ފަށައިފި


ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ސުލްޙަވެރިކަމާ އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އޮޕަރޭޝަން ބްލޫ ވޭވް 2018” ރަސްމީކޮށް ފަށައިފިއެވެ.

މިއޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ހޯލްގައި ބޭއްވި ކޮމާންޑަރުންގެ ބައްދަލުވުމުގައެވެ.

އޮޕަރޭޝަން ރަސްމީކޮށް ފަށްޓަވައިދެއްވަމުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަކީ މުހިންމު ދަޢުރެއް އަދާކުރާ ބަޔަކަށްވުމާއެކު ރިޔާސީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްޙަވެރިކަމާއި އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ކޮމާންޑަރުންވެސް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންނެވިއެވެ. އަދި އޮޕަރޭޝަނާއެކު ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި، މަސައްކަތްތަކުގައި ހުރަސްތަކާއި ކުރިމަތި ވާނެކަމަށާއި ޚާއްސަކޮށް އަތޮޅުތަކުގައި ހުރަސްތައް ހުރިނަމަވެސް ހިތްވަރާއެކު މަސައްކަތްކުރުމުގައި ސާބިތުވެ ތިބުމަށް އެކްޓިންގ ކޮމިޝަނަރ އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށް ދާނެގޮތުގެ މަޢުލޫމާތާއި އެކްސަސައިޒްގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުވެސް ހިއްސާކުރިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އޮޕަރޭޝަން ބްލޫ ވޭވްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޜަންތަކުގެ ކޮމާންޑަރުންވެސް ބައިވެރިވިއެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ބްލޫ ވޭވްގައި ހަރަކާތްތެރިވާ ފުލުހުން މިހާރު ވަނީ އަތޮޅުތަކަށް ގޮސްފައެވެ. އަދި މި އޮޕަރޭޝަނުގައި މާލެ އާއި އަތޮޅުތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލޭއާއި އަތޮޅުތަކުގައި މިހާރުވެސް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.