ޚަބަރު

އުމްރާނީ ބިޔަ މަޝްރޫޢޫތައް އެފްރިކާ ބައްރުގައި ހިންގާނެކަމަށް ޗައިނާއިން ބުނެފި


އެފްރިކާގެ ބައްރަށް ހުރި ގޮންޖެހުންތައް ނައްތާލާނެ ފަދަ އުމްރާނީ ބިޔަ މަޝްރޫޢޫތައް، ޗައިނާއިން އެ ބައްރުގައި ހިންގާނެކަމަށް، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

ކޮންމެ ތިން އަހަރަކުން އެއް އަހަރު ބައްވާ ޗައިނާ އެފްރިކާ ސަމިޓްގެ ކުރިން ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ވިޔަފާރިއާ ބެހޭ ފޯރަމެއްގައި ވާހަކަދައްކަވަމުން ޝީ ވިދާޅުވީ، ޗައިނާއިން ދޭ އެހީ ޚަރަދުކުރާނީ އެފްރިކާ ބައްރުގެ ތަރައްޤީއަށް އެންމެ މުހިއްމު ދާއިރާތަކަށް ކަމަށެވެ. އަދި އުމްރާނީ ގޮންޖެހުންތަކަކީ އެފްރިކާ ބައްރުގެ ތަރައްޤީއަށް އަބަދުވެސް ހުރަސްއަޅަމުންދާ ކަމެއް ކަމަށް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

އޭޝިޔާ ބައްރާއި ވިލާތާއި އެފްރިކާ ބައްރު އެއްގަމު މަގާ ކަނޑުގެ މަގުން ގުޅާލުމަށް ޗައިނާއިން ހިންގާ ސަތޭކަ ސައްބީސް ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން، އެފްރިކާ ބައްރުގެ އިޤްތިޞާދުތަކަށް ލިބޭ ފައިދާތައް އިތުރުވެގެންދާނެ ކަމަށް ވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

އަދި މި ކަމުގެ ސަބަބުން އެފްރިކާ ބައްރުގެ އިޤްތިޞާދުތައް ވެސް ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާގެ އޮފިޝަލުން ބުނެފައިވަނީ މި އަހަރުގެ ޗައިނާ އެފްރިކާ ފޯރަމްގައި ބޮޑަށް އިސްކަމެއް ދޭނީ ޗައިނާއިން ހިންގާ ބެލްޓް ރޯޑް މަޝްރޫޢުގައި އެފްރިކާއިން އަދާކުރާ ދައުރު ފުޅާކުރުމަށް ކަމަށެވެ.