ޚަބަރު

ބުރިޖު ހުރަސްކުރާއިރު ނަގާނެ ފީއަކާމެދު އަދި ގޮތެއް ނުނިންމާ


ބުރިޖު ބޭނުންކުރަން ނަގާ ޓޯލް ނުވަތަ ފީ އާމެދު އެއްވެސް ގޮތެއް ސަރުކާރުން އަދި ނިންމާފައިވާ ނުވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީން ބުނީ ބުރިޖުން ނަގާނެ ފީ އަދި ކަނޑައަޅާފައިނުވާ ކަމަށާއި އެކަމާއި ގުޅޭގޮތުން ސަރުކާރުން ވަކިގޮތެއް އަދި ނިންމާފައި ނުވާކަމަށެވެ. އަދި ބުރިޖުން ނަގާނެ ފީ ކަމަށްބުނެ ސޯޝަލް މީޑިޔާގައި ފަތުރާ ލިސްޓަކީ ފޭކު ލިސްޓެއްކަމަށެވެ. ބުރިޖުން ނަގާ ފީ އާއި ގުޅޭގޮތުން ސައްޙަ ނޫން މަޢުލޫމާތު ފަތުރަމުންދާކަން ފާހަގަކޮށް، ހައުސިންގ މިނިސްޓްރީ ބުނީ ބުރިޖު ބޭނުންކުރުމަށް ނަގާ ފީތަކާއިގުޅޭ ގޮތުން މަޝްވަރާކުރަމުންދާކަމަށާއި ނަމަވެސް އަދި ސަރުކާރުން އެކަމާއިގުޅޭ ގޮތުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.

މިމަހުގެ 7 ވަނަ ދުވަހު އާންމުކޮށް ބޭނުންކުރުމަށް ބުރިޖު ހުޅުވާލަން ނިންމާފައިވާއިރު، ބުރިޖާ ބެހޭގޮތުން ސައްޙަ ނޫން މަޢުލޫމާތު ދަނީ ސޯޝަލް މީޑިޔާގައި ފަތުރަމުންނެވެ. ހައުސިންގ މިނިސްޓްރީން ބުނީ މިއީ، ބުރިޖު ބިނާކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް ރައްޔިތުން ހާމަކޮށްފައިވާ ތާޢީދާއި ސަޕޯޓު ފަނޑުކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމެއް ކަމަށެވެ.

ސިނަމާލެ ބުރިޖަކީ ރައްޖޭގައި ހިންގި އިންޖިނިއަރިންއާއި އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު މަޝްރޫޢެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދުފުޅެކެވެ. ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވީ މިދިޔަ އޯގަސްޓް މަހުގެ 30 ވަނަދުވަހުއެވެ. އަދި އަންމުން ބުރިޖު ބަލާލަން ހުޅުވާލި ފުރުސަތުގައި ރިކޯޑު އަދަދަކަށް ރައްޔިތުންނަވަނީ ބުރިޖަށް ޒިޔާރަތްކޮށް، އެ މަސައްކަތާއިބެހޭގޮތުން އުފާ ފާޅުކޮށްފައެވެ.