ޚަބަރު

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އިންޑިވިޖުއަލް ކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އިންޑިވިޖުއަލް ކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބްލޭޒަން އިންކްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބްލޭޒަން އިންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހަސަން ހިލްމީ ވިދާޅުވީ ބިޒްނަސް އެވޯޑްސްގެ އިންޑިވިޖުއަލް ކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ. އެގޮތުން މިމަހުގެ 14 ގެ ނިޔަލަށް ޒުވާން ވިޔަފާރިވެރިޔާއާއި އަހަރުގެ އަންހެން ވިޔަފާރިވެރިޔާ އަދި އެންމެ އިންސްޕިރޭޝަނަލް ލީޑަރުގެ އިތުރުން އަހަރުގެ ވިޔަފާރިވެރިޔާ ހޮވުމަށް އެސްއެމްއެސް ކުރެވޭނެކަމަށް ހިލްމީ ވިދާޅުވިއެވެ.

"ވޯޓިންގ ކްލޯޒް ވާނީ 14 ސެޕްޓެމްބަރު ވަނަ ދުވަހުގެ 23:59 އަކާއި ހަމައަށް. ފައިނަލިސްޓުންގެ ކޮންމެ ބޭފުޅަކަށް ކަނޑައެޅިފައިވާ ކޯޑެއް އިންނާނެ. އެކޯޑު ޖަހާފަ 266 އަށް އެސްއެމްއެސް ކުރަންޖެހޭނީ. ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން މި މުއްދަތުގެ ތެރޭގައި 50 އެސްއެމްއެސް ކުރެވޭނެ."

ބްލޭޒަން އިންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހަސަން ހިލްމީ ވިދާޅުވިއެވެ.

އަހަރުގެ ޒުވާން ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަ ކުރަނީ އަލީ ހާރިސްއާއި ފާތުމަތު ނަދާ އަދި ރާއިދާ ޝަފީގެވެ. އަހަރުގެ އަންހެން ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަކުރަނީ ފާތުމަތު ނަހުލާއާއި ފާތުމަތު ނަދާ އަދި ރާއިދާ ޝަފީގެވެ.

އިންސްޕިރޭޝަނަލް ލީޑަރުގެ އެވޯޑަށް ވާދަކުރަނީ އަހުމަދު ޝަހީރާއި، އަބްދުލް މަޖީދާއި، އިބްރާހިމް އަބްދުލްރައްޒާގު ހަލީމެވެ. އަހަރުގެ ވިޔަފާރިވެރިޔާގެ އެވޯޑަށް ވާދަ ކުރަނީ މުހައްމަދު އަލީ ޖަނާހު އާއި، ޖާދުﷲ އިސްމާއިލްއާއި ސައުދުﷲ އަހުމަދުއެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ މުޅި ރާއްޖޭގެ އިޤްތިސާދުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް އަމާޒުކޮށްގެންދޭ ފުރަތަމަ އެވޯޑެވެ.

މުޅި ޖުމްލަ 3 ކެޓަގަރީއަކުން ބިޒްނަސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެންޓަޕްރައިސް އެކްސެލެންސް އެވޯޑާއި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑަސްޓްރީ އެކްސެލެންސް އެވޯޑެވެ. ރާއްޖޭގައި ދެވޭ ފުރަތަމަ ބިޒްނަސް އެވޯޑްސްގައި 20 އެވޯޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި އެވޯޑް އިންތިޒާމްކުރަނީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކްގެ ފަރާތުންނެވެ. މި އެވޯޑްސްގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމްއެވެ.