ޚަބަރު

ޗައިނާއާއި ރާއްޖޭގެ ގުޅުން އެންމެ ވަރުގަދަވީ މިވެރިކަމުގައި - ސަފީރު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ވޭތުވި ދުވަސްތަކަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން މިހާތަނަށް އެންމެ ބަދަހިވެގެންދިޔަ ދުވަސްތައްކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ޑރ.މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ މީގެ 45 އަހަރުކުރިން، 1972 ވަނަ އަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2013 ވަނަ އަހަރު ވެރިކަމާއި ޙަވާލުވެވަޑައިގަތީ އުންމީދީ ގިނަ ވަޢުދުތަކަކާއި، ރާއްޖޭގެ ތަރައްޤީގެ މުހިންމު މާސްޓަރ ޕްލޭންތަކަކާއި އެކުއެވެ. ކުރީގެ ސަރުކާރުތަކުން ހުވަފެނީ ކަންކަމުގެގޮތުގައި ހަދައި އަޅާނުލައި ދޫކޮށްލާފައިވާ ގިނަ މަޝްރޫޢުތަކެއް އެމަނިކުފާނުގެ ދައުރުގެ ކުރީކޮޅުގައި ބާރު ސްޕީޑުގައި ފެއްޓެވިއެވެ. ބޭރާއި އެތެރޭގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހިންގެންހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކުރައްވައި، އިންވެސްޓަރުންގެ އިތުބާރު ހޯއްދެވިއެވެ.

އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ރާއްޖެވެއްޓިފައި އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމުގައި ރައީސް ޔާމީނަށް އެންމެބޮޑު އެހީތެރިކަމެއްވެދިން ޤައުމަކަށްވީ ދުނިޔޭގެ އިޤްތިޞާދީ ބާރެއްގެގޮތުގައިއޮތް ޗައިނާއެވެ. ޗައިނާފަދަ ބޮޑުޤައުމެއް ރާއްޖެފަދަ ކުޑަ ޤައުމެއގައި ގިނަ މަޝްރޫޢުތަކެއް ހިންގަން ފެށުން ވެގެންދިޔައީ ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް ހުޅުވިގެންދިޔަ ދޮރަކަށެވެ.

ސިނަމާލެ ބްރިޖް ނުވަތަ ޗައިނާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮއްދޭ މައިބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިހުންނަވާ ސަފީރު މުޙައްމަދު ފައިސަލް ވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ވޭތުވެދިޔަ 5 އަހަރަކީ ރާއްޖެއާއި ޗައިނާއާދެމެދު އޮތްގުޅުން އެންމެ ބަދަހިވެގެންދިޔަ ދުވަސްވަރުގެގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ބްރިޖްފަދަ ބިޔަ މަޝްރޫޢެއް ކުރިއަށްގެންދެވޭނެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ޗައިނާއިން މިމަޝްރޫޢުގެ މަސައްކަތް ނިންމާލުމަކީ މިކަމުގެ އަލިގަދަ ހެއްކެއްކަމަށް ސަފީރު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖްގެ އިތުރުން ރާއްޖެއާއި ޗައިނާގުޅިގެން ތަފާތު ގިނަ ޕްރޮޖެޓްތަކެއް ހިންގައެވެ. އެގޮތުން ރާއްޖޭގައި އަޅާ އެންމެ ދިގު ރަންވޭގެ މަސައްކަތް ނިމުމުކާއި ގާތްވެފައިވާއިރު ރާއްޖޭގެ އެންމެ ބިޔަ ހަކަތަ އުފެއްދުމުގެ މަޝްރޫޢު ފިފްތް ޕަވަރ ޕްރޮޖެކްޓާއި، ހިޔާ މަޝްރޫޢުތަކުގެ ދަށުން އަޅަމުންދާ ހަތްހާސް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދާއިރު މިކަންކަމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮށިގެންދާ މައި މަގުތަކެއްގެ ގޮތުގައި ބޭރުގެ ފަރާތްތަކުންވެސް ޤަބޫލުކުރެއެވެ.

ޗައިނާގެ އިތުރުން މެލޭޝިއާއާއި ތައިލެންޑްފަދަ ޤައުމުތަކުންވެސް ރާއްޖޭގައި ގިނަމަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުން ދިއުމުން ހާމަވެގެންދަނީ ރާއްޖޭގެ އިޤްތިޞާދަކީ ވަކި ޤައުމަކަށް ބަރޯސާވެފައިވާ އިޤްތިޞާދެއް ނޫންކަމެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުމުގެ ސަބަބުން އެހެން ޤައުމުތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތްފުރުސަތަށް އެއްވެސް ހީނަރުކަމެއް ނާންނަކަމެވެ.