ޚަބަރު

ސިފައިންގެ "ދާލަން ދުވުން" ބުރިޖު ހުރަސްކޮށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް


ދިވެހި ސިފައިންގެ ޚާއްޞަ ދުވުމެއް މާލެއިން ފެށިގެން ބްރިޖު ހުރަސްކޮށް ހުޅުމާލެ ފޭސް 2 ނިމޭހިސާބަށް ކުރިއަށްގެންގޮސްފިއެވެ.

ޕާކިސްތާނު ސިފައިންގެ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމަށް ޕާކިސްތާނަށްދާ ދިވެހި ސިފައިން ކުރިއަށްގެންދިޔަ މި ދުވުމުގައި ސިފައިންގެ 20 އޮފިސަރުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ސިފައިންގެ މުދައްރިބުންނާއި ޓީމުގެ އިތުރު މެމްބަރުން މިދުވުމުގައި ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ޕާކިސްތާން ސިފައިންގެ އަސްކަރީ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން "ދާލަން ދުވުމުގެ" ނަމުގައި ބޭއްވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސިނަމާލެ ބުރިޖު މަތިން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހުރަސްކޮށް ހުޅުމާލޭގެ ފޭސް 2 ސަރަޙައްދުގެ ނިމޭ ހިސާބަށެވެ.

11.4 ކިލޯމީޓަރުގެ މި ދުވުމުގައި ސިފައިންގެ ޕޭސަސް ޓީމުގެ ހުރިހާ ބައިވެރިން ބައިވެރިވެފައިވާއިރު އެންމެ އަވަހަށް މި ދުވުން ނިންމި ބައިވެރިޔާ ނިންމާފައިވަނީ 40 މިނެޓުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަންނަ އޮކްޓޯބަރު މަހުގެ އަށަކުން ސާދައަށް ޕާކިސްތާނުގެ ލާހޯރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނު ސިފައިންގެ އަސްކަރީ މި ހަރާކާތުގައި ބައިވެރިވާ މިއީ 2 ވަނަ ފަހަރުއެވެ.