ޚަބަރު

ހަމައެކަނި ބަދަލަކަށް ބޭނުންވެގެން ވޯޓުލުން މާޒީވެ ހިނގައްޖެ - ޑރ. ޝަހީމް


ސަރުކާރު އިސްލާހު ކުރުމުގެ ނަމުގައި ހަމައެކަނި ބަދަލަކަށް އެދި ވޯޓްލީ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކާ ވެރިކަން ހަވާލުކޮށްފިނަމަ މިހާރު ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހުއްޓޭނެ ކަމަށާއި، ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި ބައިބައިވުން އުފެދި ސަރުކާރު ނުހިންގޭވަރުވާނެ ކަމަށެވެ. އަދި ދިވެހިރައްޔިތުން 2008 ވަނަ އަހަރު ބަދަލަކަށް ވޯޓްލި ނަމަވެސް މިހާރު އެދުވަސް މާޒީވެފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ބަދަލަކަށް ބޭނުން ވެގެން ވޯޓުލީ ޒަމާން ނިމިއްޖެ. އަޅުގަނޑުމެން އެއްމެންވެސް މަސައްކަތް ކުރަންވީ ޤައުމު ބިނާކުރުމުގެ މަސައްކަތް. ކޯލިޝަން ހަދައިގެން އުޅޭ ބަޔަކަށް ސަރުކާރު ހިންގަން ހަވާލުކޮށްގެން ޤައުމަށްވެސް އަދި ރައްޔިތަކަށްވެސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ތަފާތު ފިކުރުތަކުގެ ޕާޓީތަކުގެ މެދުގައި އެކުލަވައިލާ ކޯލިޝަނަކުން އުފައްދާ ސަރުކާރުތައް ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއްކޮށްދިނުމުގެ ނަމުގައި 2008 ވަނަ އަހަރު ހުރިހާ ޕާޓީތަކެއް ގުޅިގެން ކުރީގެ ރައީސް ނަޝީދު ކޯލިޝަނަކުން ވެރިކަމަށް އިންތިޚާބު ކުރި ނަމަވެސް އެސަރުކާރު އެންމެ 21 ދުވަހުގެ ތެރޭގައި ރޫޅިފައިވާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

"ކޯލިޝަން ސަރުކާރެއް ދިވެހިން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފި. އޭރުވެސް އެއްމެ 21 ދުވަސްތެރޭ ސަރުކާރު ރޫޅިގެން ދިޔައީ. ދެންވެސް ވާނީ ހަމަ އެހެން. ޔަޤީން ދެންވެސް ކޯލިޝަން ސަރުކާރެއް ދެމި ނޯންނާނެ. އެއީ ކަށަވަރު ކަމެއް ރޫޅޭނެ." އިދިކޮޅު ކޯލިޝަނަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވަނީ ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި އިސްލާމްދީނަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދާ ޚިލާފަށް ރައީސް ޔާމީން ދީނީ ކަންކަމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދީން ކުރިއެރުވުމަށާއި ދީނީ ޢިލްމުވެރިންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވާލެއްވިކަމަށެވެ.

"ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ދަނޑިވަޅެއް. އޭރު ދައުލަތުގެ މައްޗަށް ބޭރުގެ ނުފޫޒުތައް އޮތް. އަދި އެއީ އިސްލާމް ދީނުގެ ކަންތައްތަކަށް ވެސް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކުން ސަލާމަތް ނުވެވި އޮތް ދުވަސްކޮޅެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އެކަކަށް ދެ ދައުރު ވެރިކަން ކުރެވޭނެ ކަމަށް ޤާނޫނު އަސާސީގައި އޮންނައިރު، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށެވެ.