ޚަބަރު

ޑރ.ޝަހީމް ހދ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ ހަނިމާދޫ


ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ.އަތޮޅަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ.ޝަހީމް ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ހަނިމާދޫއަށެވެ. ޑރ.ޝަހީމް ވަޑައިގެންނެވުމުން ހަނިމާދޫ ވައިގެ ބަނދަރުން އެމަނިކުފާނަށް ވަނީ ޙޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ޑރ.ޝަހީމްގެ މިދަތުރުފުޅުގައި ހަނިމާދޫގައި ދޮރުން ދޮރަށް ހިންގަވާ ވަކިވަކި ފަރުދުން އަދި ވަކިވަކި ޢާއިލާތަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކި ޢުމުރުފުރާތަކުގެ ގްރޫޕްތަކާއި ކްލަބް ޖަމިއްޔާ ޖަމާޢަތްތަކާއި އެކިއެކި މުޢައްސަސާތަކާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް އޮތް ތާޢީދު އިތުރު ކުރެއްވުމަށް ޑރ.ޝަހީމް ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ޑރ.ޝަހީމް ހދ.އަތޮޅަށް ކުރައްވާ ދަތުރުފުޅު މި ފެއްޓެވީ ހައްދުންމަތީގެ ރަށްތަކަށް ވަޑައިގެން އެ އަތޮޅުގައި ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށްފަހުއެވެ. އެގޮތުން ހައްދުންމަތީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަކަށްފަހު ޑރ. ޝަހީމް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގައި އެ އަތޮޅުގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.