ޚަބަރު

އިސްރަށްވެހިންނަށް ބްރިޖު ދައްކާލައިފި


އިސްރަށްވެހިންނާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ޚާއްކޮށްގެން ސިނަމާލެ ބްރިޖް ދައްކާލުމުގެ ހަރަކާތެއް، ކުރިއަށްގެންގޮސްފިއެވެ.

ހައުސިންގ މިނިސްޓްރީން "ސިނަމާލެ ބްރިޖް ސައިޑް އިވެންޓްސް"ގެ ގޮތުގައި ކުރިއަށްގެންދިޔަ މިޙަރަކާތްތަކަކީ ބްރިޖް ރަސްމީ ދަތުރުތަކަށް ހުޅުވާލުމުގެ ކުރިން، ރައްޔިތުން މި ކާމިޔާބީގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބޭއްވި ހަރަކާތްތަކެކެވެ.

މާލެ، ހުޅުމާލެ، ހުޅުލެ ގުޅުވާލައިދިން ސިނަމާލެ ބްރިޖަކީ މުޅިރާއްޖެ އެކަމަކަށް ފަޚުރުވެރިވާ ބިނާއެކެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ބްރިޖް ރަސްމީކޮށް ހުޅުއްވައިދެއްވާފައިވާއިރު، ބްރިޖުގެ އުފާފަޅުކުރުމުގެ އިވެންޓްތަކެއްގެ ގޮތުގައި ޢާއްމުންނަށް ބްރިޖާއި ގުޅުންހުރި އެކިކަހަލަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީއިންގެންދަނީ ދެމުން. އެގޮތުން މި ހަރަކާތަކީ އިސްރަށްވެހިންނާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރު ފަރާތްތަކަށް ކުރިއަށްގެންދިޔަ ހިނގާލުމެކެވެ.

މި ހަރަކާތުގައި އިސްރަށްވެހިންނަށް ބްރިޖް ބަލާލާފައިވަނީ ބަސް ދަތުރުތަކެއްގައެވެ. އަދި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުން ބުރިޖު ބަލާލާފައިވަނީ ބްރިޖްމަތީ ހިނގާފައެވެ. މި ހަރަކާތުގައި އެއްބަޔަކު އަނެއްބަޔަކަށް ބުރިޖުގެ މެދާ ހިސާބުން ވަނީ ބައްދަލުވެ ސަލާންގަލާންކޮށް އުފާފާޅުކޮށްފައެވެ. ހަރަކާތުގައި ބައިވެރިވި މީހުން ވަނީ މި ތަޖުރިބާ ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ.

ޖުމްލަކޮށް ހުރިހާ ދައިރާތަކެއް ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މިޙަރަކާތުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ސިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ކުޅިވަރުގެދާއިރާއާއި، ވިޔަފާރިއާއި، ސަލާމަތީ ބާރުތަކާއި، އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާރްތަކުން ބައިވެރިވެފައިވެއެވެ. އަދި މީގެއިތުރުން ޤައުމަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކުންވެސްވަނީ މި ޓުއަރގައި ބައިވެރިވެފައެވެ.

މިފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން، ހަރަކާތެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމީ ޤައުމުގެ ތަރައްޤީއަށް، އެކި ދާއިރާތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކުން ޤައުމުގެ ތަރައްޤީއަށްވެދޭ ޙިއްސާ ފާހަގަކުރުމަށެވެ.