ޚަބަރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި


ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ ޢިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ، ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ ޑރ.ޢާއިޝަތު ޢަލީއެވެ.

މި ޖަލްސާގައި ނިމިދިޔަ އަހަރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ވަނީ އިނާމްދީފައެވެ. އެގޮތުން ގުރޭޑް އެކަކާއި ހަތަރެއްގެ ދެމެދުގެ ގްރޭޑްތަކުގެ 362 ދަރިވަރުންނަށް މި ޖަލްސާގައިވަނީ އެވޯޑްދީފައެވެ. އޭގެތެރޭގައި އެކްޓިވިޓީ މާއްދާތަކުން 75 އިންސައްތަ ހޯދާފައިވާ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްފައިވާއިރު ސްކޫލް ފެންވަރުގައާއި ޤައުމީ އަދި ބައިނަލްޢަޤްވާމީ ފެންވަރުގެ މުބާރާތްތަކުން އެއްވަނަ ހާސިލްކޮށްފައިވާ ދަރިވަރުންނަށްވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އަދި އެކްޓިވިޓީ މާއްދާތަކުން އެހެންކުދިންނަށް ނަމޫނާ އަދި އެންމެ މަތިން މާރކްސް ހޯދާފައިވާ ދަރިވަރުންނަށްވަނީ އެވޯޑްދީފައެވެ.

އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ސީނިއަރ ލެކްޗަރަރ ޑރ. އައިޝަތު އަލީ ވަނީ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުންނާއި މުހާތަބުކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން ސުކޫލް ދައުރުގައި އެންމެ މޮޅު ކުއްޖާއަކީ އަމަލީ މައިދާނުގައި އެންމެ މޮޅު ކުއްޖާއަށް ނުވެދާނެކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ. އަދި ތައުލީމީ ދާއިރާގައި އެއްވެސް ހާލަތެއްގައި އުންމީދު ކަނޑާނުލައި ކުރިއަށްދިއުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އިނާމު ދިނުމުގެ ޖަލްސާގައި ވަނީ މުނިފޫހިފިލުވުމުގެ ގޮތުން ދަރިވަރުންގެ ގިނަ އައިޓަމްތަކެއްވެސް ހުށައަޅައިދީފައެވެ.