ޚަބަރު

ބްރިޖުގެ އުފާ ޙާސިލުކޮށްދެއްވި މޭސްތިރިއަކީ ރައީސް ޔާމީން - ޑރ.ޝައިނީ


ސިނަމާލެ ބްރިޖްގެ މިލްކުވެރިކަން ހޯދަން ސިޔާސީ އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ރައްޔިތުންނަށް ބްރިޖެއްގެ ހަގީގީ އުފާ ޙާސިލުކޮށްދެއްވި މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީ.އެސްއެމް ނިއުސްއިން ގެނެސްދޭ "ސިނަމާލެ ބްރިޖް - ހުވަފެން ހަޤީގަތަކަށް" ލައިވްކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝައިނީ ވިދާޅުވީ، ދިވެހިން އެންމެ ބޮޑަށް ބޭނުންވެފައިވާ ތަރައްޤީގެ މަޝްރޫޢޫތަކަކީ ރައީސް ޔާމީން އެންމެ ބޮޑަށް އިސްކަންދެއްވާ ކަންކަން ކަމަށާއި، އެމަންޒަރު ވޭތުވެދިޔަ ހަތަރު އަހަރާއި ނުވަ ވަރަކަށް މަސްދުވަހުގެތެރޭގައި ފެންނަމުންދާކަމަށެވެ. ބްރިޖެއް އެޅުމުގެ މަސައްކަތްކުރީ ވަކިމީހަކުކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރަށްދު ދެއްވަމުން ޑރ.ޝައިނީ ވިދާޅުވީ، ބްރިޖް ހަޤީގަތަކަށް ހައްދަވައިދެއްވީ ރައީސް ޔާމީންކަމަށާއި، ބްރިޖްގެ އިންޖިނިއަރިންގއާ، ފައިސާ ހޯދާނެގޮތް ނެރެދެއްވީވެސް ރައީސް އަބްދުﷲ ޔާމީންކަމަށެވެ.

ބްރިޖް އެޅުމުގެ މަރުހަލާގެ ކަންކަން ފެށުނުދުވަސްވަރު އިކޮނަމިކް ކައުންސިލުގައި މިކަމާއި ގުޅޭ ކަންކަމުގައިވެސް ހަރަކާތްތެރިވި ޑރ.ޝައިނީ ވިދާޅުވީ، ބްރިޖާގުޅޭގޮތުން ވަރަށް ގިނަ ފަރާތްތަކަށް ނޭނގޭ ކަންތައްތަކެއް އެބަހުރިކަމަށް. އެގޮތުން ރާއްޖޭގެ ޚަރިޖީ ސިޔާސަތުތަކުގެ ތެރެއިން ބޭނުންވާ އެހީއާއި އެކަމުގެ ކަންކަން ގެނައުމުގެ ވިސްނުންފުޅު ބައްޓަން ކުރެއްވީ ސީދާ ރައީސް ޔާމީންކަމަށް އޭނާ ވިދާޅުވިއެވެ.

"މިހުރިހާ ކަމެއްވެސް ފައްޓަވައިދެއްވަނީ، ގައިޑެންސް ދެއްވަނީ ހަމަ ސީދާ ރައީސް ޔާމީން. އެހެންވީމަ އެގޮތަށް އިށީނދެވަޑައިގެން ޗައިނާ ދަތުރުފުޅުޅުގެ ކުރިއަށް ވިދާޅުވީ ތިމަންނަ ބޭނުމެއް ނޫނޭ، ބައިވެރު ކުދިކުދި އެއްޗެހިތަކެއް ހިފައިގެން ޗައިނާއަށްދާކަށެއް. ތިމެންނަ ގެންދަންބޭނުންވަނީ ބްރިޖޭ. ދެން އެލިސްޓުގައި ހުންނާނެ ކަންކަމާއި ގުޅޭ ގޮތުން ބައެއް ބޭފުޅުން ދެވަނައަށް ކޮންކަމެއްތޯ ސުވާލުކުރީމަ އެމަނިކުފާނު ވިދާޅުވީ، ބްރިޖޭ، ތިން ވަނައަށް ކޯއްޗެއްހޭ ބްރިޖޭ، ހަތަރު ވަނައަށް ކޯއްޗެއްހޭ ބްރިޖޭ. އެވަރަށް އެމަނިކުފާނު އެކަމަށް ވިސްނަވާފައި ހުރީ"

ޑރ.ޝައިނީ ވިދާޅުވިއެވެ.

ބްރިޖުގެ މަޝްރޫޢަށް ބޮޑު ޚަރަދެއް ދިޔަކަމަށާ، މިއީ އިސްރާފެއްކަމަށްބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޑރ.ޝައިނީ ވިދާޅުވީ، ރައީސް ޔާމީންގެ ސްޓެރެޓެޖީއަކަށްވީ ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭ ޤައުމަކަށްވުމާއެކު އެޤައުމުގެ ހިލޭ އެހީގެތެރެއިން ބްރިޖް އެޅުމަށްކަމަށެވެ. އެހެންކަމުން ބްރުޖުގެ ބިޔަ މަޝްރޫޢުގެ ބޮޑު ބަޔަކީ ހިލޭ އެހީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.