ޚަބަރު

އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ސިނަމާލެ ބުރިޖް ދައްކާލައިފި


އިސް ރަށްވެހިންނާއި ޤައުމަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ސިނަމާލެ ބްރިޖް ދައްކާލުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ޕްރޮފެޝަނަލްސްގެ ހިނގާލުން ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތްތަކަކީ ބްރިޖް ރަސްމީ ދަތުރުތަކަށް ހުޅުވާލުމުގެ ކުރިން، ރައްޔިތުން މި ކާމިޔާބީގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން އިސްރަށްވެހިންނާއި ޤައުމަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކާއި، އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ހިނގާލުމެއް ބާއްވާފައިވާއިރު، ބަހުގައި ވަނީ ބްރިޖު ބާލާލާފައެވެ.

މިހަރަކާތުގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެދާއިރާއާއި ވިޔަފާރިއާއި ސަލާމަތީ ބާރުތަކާއި އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވިއެވެ.

ސަރުކާރުން މިހަރަކާތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ޤައުމުގެ ތަރައްޤީއަށް އެކި ދާއިރާތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކުގެ ޙިއްސާ ފާހަގަކުރުމެވެ.