ޚަބަރު

ބްރިޖްމަތީގެ ކައިވެނިތައް - ހިތްގައިމު މަންޒަރެއް


ބްރިޖްމަތީގައި ބޭއްވުމަށް ނިންމި ކައިވެނީގެ ހަފްލާތައް ކުލަގަދަކޮށް ބާއްވައިފިއެވެ. ކައިވެނީގެ ޙައްފާލަތަށް ބްރިޖްމަތީގައި ބޭއްވުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ޒުވާނުންނަށްދޭ ހަދިޔާއެއްގެ ގޮތުގައެވެ. އެގޮތުން ކައިވެނީގެ ޙަފްލާތަކުގެ ބޮޑެތި ޚަރަދުތަށް ކޮންފައިވަނީ ސަރުކާރުގެފަރާތުންނެވެ.

ބްރިޖްމަތީގައިވަނީ ކައިވެނީގެ ފަސް ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާލެއިން ފެށިގެން ހުޅުމާލެއާއި ހަމައަށް މިކަމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ފަސް ހަފްލާވެސް ކުރިއަށް ގެންގޮސްފައިވަނީ ފަސް ސަރަހައްދުގައި ވަކިވަކިންނެވެ.

ހައުސިންގ މިނިސްޓްރީންވަނީ މިކަމާގުޅޭ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ. އެގޮތުން ކައިވެނީގެ ހަފްލާތަކަށް، ކޮންމެ ސަރަޙައްދަކަށް މީހުން ގެންގޮސްފައިވަނީ ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވާ ޚާއްސަ އިންތިޒާމެއްގެތެރެއިން ބަހުގައެވެ. މީގެއިތުރުން، ކައިވެނި ކުރުމަށް ޤާޒީން ހަމަޖެއްސުމާއި، ކައިވެނި ޕާޓީގެ ބެކްޑްރޮޕް ހެދުމާއި ސައި ހަމަޖެއްސުމާއި ކައިވެނީގެ ހަފްލާގެތެރެއިން ފޮޓޯ ނެގުމުގެ ކަންކަންވެސް ހަމަޖައްސާފައިވަނީ، ހައުސިންގ މިނިސްޓްރީގެފަރާތުންނެވެ.

ކޮންމެ ކައިވެނީގެ ހަފްލާއެއްގައިވެސް 50 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހައުސިންގ މިނިސްޓްރީއިންވަނީ ދީފައެވެ. ބްރިޖް ރަސްމީކޮށް ހުޅުވުމަށްފަހު ބްރިޖްމަތީގައި ބޭއްވި އެންމެ ފުރަތަމަ ހަރަކާތަކީ މި ކައިވެނީގެ ޙަފްލާތަކެވެ.

ހައުސިންމިނިސްޓްރީންވަނީ ސެޕްޓެމްބަރ 7ވަނަ ދުވަހު ބްރިޖް ރަސްމީކޮށް ދަތުރުތަކަށް ހުޅުވާލުމުގެ ކުރިން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. އެގޮތުން ޢާއްމުކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބްރިޖް ބަލާލައި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.