ސިޔާސީ

ރައީސް ޔާމީންގެ ކިބައިގައި ހުރި ފެންވަރު ނެތް ވެރިއަކު ދިވެހިން ބޭނުމެން ނުވާނެ - ހެލްތް މިނިސްޓަރ


ޤައުމު ހިންގުމުގައި ރައީސް ޔާމީންގެ ކިބައިގައި ހުރި ފެންވަރު ނެތް ވެރިއަކު ދިވެހި ރައްޔިތުން ދެން ޤަބޫލު ނުކުރާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި، ރާއްޖޭގެ ރަށެއްގައި ހެދުނު އެންމެ ބޮޑު އެއް ބަނދަރާއި، އެންމެ ބޮޑު ހޮސްޕިޓަލް ނައިފަރުގައި ހުޅުވިގެންދިޔަކަމީ، ނައިފަރުގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންވެސް ޤަބޫކުކުރާނެ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއި ކުރިއަށްގެންގޮސް ނިންމާފައިވާ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންނަށް އޮޅޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ތަރައްޤީ ވިސްނުވައިދެއްވީ ރައީސް ޔާމީން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މަސްކިރަން ޖެހޭނީ އަތޮޅުގެތަކަށް ކަމަށާއި، ކަންކަމުގައި ހިންހަމަ ނުޖެހުނީމަ ހުޅުޖަހައި ރޯކުރަން ޖެހޭނީ ރައްޔިތުންގެ މުދަލާއިމާރާތްތަކުގައި ކަމަށް ދެކި އެބަދަލަކީ މިނިވަން މުއައްސަސާތަކަކާއި، ސިފައިންނާ ފުލުހުންގެ ގައިގައި ތަޅާލަން މީހުން ހޯދުން ކަހަލަ ގޮތަށް ދެކޭކަމަށްވާނަމަ، އަޅުގަނޑު ދަންނަވާނީ އެއީ ތަރައްޤީގެ ފިކުރެއް ނޫނޭ. ތަރައްޤީގެ ފިކުރަކީ މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް ކުރެވޭ ފިކުރު."

އިދިކޮޅު ކޯލިޝަންގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑެޓްގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓުގައި، އެއްވެސް ބަރުދަނެއްވެސް އޮށްޓަރެއްވެސް ނެތްކަމަށެވެ. އަދި ރައީސް ޔާމީން ގެންނަވަމުންދާ ތަރައްޤީގެ އިތުރަށް އިދިކޮޅު ކެންޑިޑޭޓް ދެން ރައްޔިތުންނަށް ވާނެ އިތުރު ތަރައްޤީގެ ވައުދެއް ނުހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނާޒިމް ވިދާޅުވީ ދިވެހި ރަށްޔިތުން ބޭނުންވަނީ ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ފެންވަރުގެ ވެރިއެއްކަމަށެވެ.

"ދަންނަވަންތީ ދިވެހިން މިއަދު މިދެކޭ ޒަމާނަކީ، ރާއްޖޭގެ އެންމެ ތުއްތު ކުއްޖާއަަށް ކިޔަވައިދޭ ކްލާސް ރޫމުގައި ހުންނަންވާނީ ޑިޕްލޮމާ ފެންވަރުގެ ޓީޗަރެކޭ. ހަސްފަތާލުތަކުގައި ޚިދުމަތްދޭން ތިބޭނީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ސްޕެޝަލިސްޓް ނަރުހުންނޭ، މިފަދަ ފެންވަރެއްގައި ދިވެހިން ޚިދުމަތްތަކަށް އިންތިޒާރުކުރަމުންދާއިރު، ދިވެހި ޤައުމުގެ ވަލިއްޔުލްއަމްރުގެ ކޮްޓްރީގައި އިންނަވަން ޖެހޭނީ ކިހާފެންވަރެއްގެ މީހެއްތީ އެއީ ދިވެހި ރައްޔިތުން މިއަދު ސުވާލުކުރާނެ ކަމެއްނޫން. ދިވެހި ރައްޔިތުން ބޭނުންވަނީ މިޤައުމުގެ ހިންގުމާއި މިޤައުމުގެ ސީޔާސީ ކަންކަން ހިންގާގޮތާއި އިޖްތިމާޢީ ކަންކަން ހިނގާގޮތާއި ސަރުކާރުގެ ކަނބްކަން ހިންގާ ގޮތް ކުންފުނިތައް ހިންގުމުގެ ތަޖުރިބާއާ، އެފަދަ ކަންކަން ތަޖުރިބާކުރެވިފައި ހުރި ވެރިއެއް. ދިވެހި ރައްޔިތުން ދެން ޤަބޫލު ނުކުރާނެ އެއް ކަމަކީ ރައީސް ޔާމީން ފަދަ ވެރިއަކު ނޫން އެހެން ވެރިއަކު ދިވެހި ރައްޔިތުން ކުރިއަށް އޮތްތަނުގައި ޤަބޫލުނުކުރާނެއޭ"

ހެލްތު މިނިސްޓަރ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓު ސިއްޙީ ދާއިރާއާ ގުޅޭ އެއްވެސް ވަޢުދެއް ވެވަޑައި ނުގަންނަވާކަމަށާއި، ހަމައެކަނި ދައްކަވަނީ ދަރުމަވަންތަ ހޮސްޕިޓަލު އަގުބޮޑު ވާހަކަ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސިއްޚީ ދާއިރާގެ ކަންކަން މިނެކިރުމަށް މިންގަނޑުތަކެއް ހުންނަކަމަށާއި، 2013 ވަނަ އަހަރު ރާއްޖޭގެ ކޮންމެ ދިހަ ހާސް މީހުންގެ އާބާދީއަކަށް 16 ޑޮކްޓަރުން ޚިދުމަތް ދެމުން ދިޔަކަމަށެވެ. އަދި މިއަދު ކޮންމެ ދިހަ ހާސް މީހުންގެ އާބާދީއަކަށް 26 ޑޮކްޓަރުންގެ ޚިދުމަތްދޭކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.